ބެއިޖިން (ފެބްރުއަރީ 10): ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން އިއްޔެ ޗައިނާގައި 97 މީހަކު މަރުވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 908އަށް އަރާފަ އެވެ. އަދި އިއްޔެއަކީ އެ ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

ޗައިނާގެ ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 40،171އަށް އަރައިފަ އެވެ. އަދި އެގައުމުން ދަނީ 187،578 މީހުން އޮބްޒަވޭޝަންގައި ބައިތިއްބައިގެން ފަރުވާ ދެމުންނެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން އިއްޔެ ވަނީ ޗައިނާއަށް ކަމާ ގުޅޭ މާހިރުންގެ ޓީމެއް ފޮނުވައިފަ އެވެ. އެ ޖަމްއިއްޔާ އިން ވަނީ މިހާރު ކޮންމެ ދުވަހަކު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ ކޮރޯނާވައިރަސް ޖެހުނު 3،281 މީހަކަށް ފަރުވާދީ، ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް މިހާތަނަށް 27 ގައުމަކުން ފެނިފައިވީ ނަމަވެސް އެވައިރަހުގެ ސަބަބުން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާގަ އެވެ. އެގައުމުން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.