10 Feb 2020, 08:42
މި މަހު ހަވަނަ ދުވަހު ރިލީޒްކުރި "މަލަންގް" އަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
ދިޝާ ޕަޓާނީ އާއި އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަށް ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝްވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް މި ފިލްމު ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށް ވެފައެވެ. އެ ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހުވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.
މަލަންގް ގައި ދިޝާ ފެނިގެންދާނީ ވިލަން އެއްގެ ރޯލުންނެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ.
ދިޝާއާއި އަދިތްޔާގެ ކެމިސްޓްރީ ފެނިގެންދާ ފުރަތަމަ އޮން ސްކްރީން ފިލްމަކީ މި ފިލްމެވެ. ދިޝާ ބުނީ އަދިތިޔާއަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެދެތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް މެޗުވާ ކަމަށް ބެލުންތެރިން ބުނެއެވެ.