14:30


ކައުންސިލަށް އޮތް ބާރުތައް ކުޑަކޮށް، ސަރުކާރަށް އިތުރު ބާރު ދޭ ގޮތަށް ލާމަރުކަޒީގާނޫނަށް އިސްލާހް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޤަފޫރު، މި ބިލު ހުށަހެޅުއްވުމުން ބަހުސަށް ހުޅުވާލެއްވި ފުރުސަތުގައި، އިދިކޮޅު މެންބަރުން ވިދާޅުވީ، މިއީ ގާނޫނު އަސާސީގައި ބުނާ ރައްޔިތުންގެ ބާރު، ރައްޔިތުންނަށް ފޯރުކޮށްދިނުން ލަސްކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށެވެ. އަދި މިބިލަކީ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްތަކަށް ރައްޔިތުންގެ ބަސް ބުނުމަށް ލިބިފައިވާ ފުރުސަތު ހަނިކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި، މި ބިލަށް ބަހުސް ނުކޮށް ވަގުތުން ވަގުތަށް މަޖިލީހުގެ ތަޅުމުން ބިލު ބޭރުކުރުމަށް އެ މެންބަރުން ގޮވައިލެއްވި އެވެ.


ނަމަވެސް މި ބިލަށް ތާއީދު ކުރައްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެންބަރުންގެ ނިސްބަތުން މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރާ ގޮތަށް ބަލާއިރު ރައްޔިތުންގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށެވެ. އެހެންކަމުން މި ބިލަކީ ރައްޔިތުންގެ ނިންމުންކަމުން މިކަމަށް ފާޑުކިއިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ތަމްސީލް ކުރައްވަނީ ފަސްހާސް ރައްޔިތުން ކަމަށް ވެފައި ރައީސުލްޖުމްހޫރިއްޔާ އަކީ ތިން ލައްކަ ރައްޔިތުންގެ ތެރެއިން ހޮވިނަޑައިގެންފައިވާ މަގާމަކަށް ވާއިރު މުޅި ގައުމުގެ ކަންކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބެންޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ރައްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިނގަންޖެހޭނީ ސަރުކާރުގެ ސިޔާސަތު ކަމަށް ވެފައި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރެވޭނީ އަތޮޅުތައް ގުޅިގެން ކަމަށް ވާތީ މި އިސްލާހް ހުށަހެޅުއްވީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މި ބިލު ހުށަހަޅުއްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޤަފޫރު ވިދާޅުވީ، މި ބިލަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ބައެއް ނުކުތާތަކުގެ ސަބަބުން ސަރުކާރުގެ ވާޖިބުތަކަށް ހުރަސްއެޅިގެންދާތީ ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި ފަނަރަ ނުކުތާއެއްގެ މައްޗަށް ހުށަހަޅާފައިވާ މި ބިލުން އިސްލާހް ގެންނަން ބޭނުންވާ ކަންތައްތަކާ ބެހޭ މައުލޫމާތު ވެސް ހާމިދު ދެއްވި އެވެ.


ސްކޫލްތަކުގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ލާޒިމް ކުރުވުމަށްޓަކައި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންދަވައިފަ އެވެ.


މި ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެ ދެ މާއްދާ އަކީ ގައުމުގެ އެންމެ މުހިއްމު ދެ މާއްދާ ކަމަށެވެ. އަދި އިސްލާމްދީން ކުރިއެރުވުމަށް ދިވެހި ބަސް އޮންނަންޖެހޭނީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ ދެ މާއްދާ އިހްތިޔާރީ މާއްދާއަކަށް ހެދުމަކީ ދުރު މުސްތަގުބަލަކަށް ބަލާއިރު ވެސް ވަރަށް ނުރައްކާތެރިކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް ދިވެހި އިސްލާމް އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ތާއީދު ކުރައްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެ ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް މެންބަރުން ވާހަކަ ދައްކަވަނީ އެކަމުގައި ސަރުކާރުގެ ވިސްނުން އެނގިވަޑައިނުގެން ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ، ގަރޭޑް ބާރައަށް ކިޔަވައިދޭ ބައިތައް ގްރޭޑް ދިހަޔަކަށް ކިޔަވައިދިނުމަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދުނުމަށް ވެސް ސަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެ އެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ހުރި ގޮތުގެ ބައެއް މައުލޫމާތު އެ މެންބަރުން ދެއްވި އެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލު މިއަދު ފާސްކޮށް، ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރެންސްގެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.