މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނައި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޗެން ކިއުޝީގެ އެއްވެސް ހަބަރެއް ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އޭނާގެ އާއިލާއިން ބުނާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ޗެންގެ ހަބަރެއް ނުވެއެެވެ. އަދި ޗެންގެ މޮބައިލް ފޯނަށް ގުޅިޔަސް ޖަވާބެއް ނުލިބޭކަމަށް ވަނީ ބުނެފައެެވެ.

ޗެންއަކީ ވުހާންއަށް ނިސްބަތްވާ މީހެކެވެ. އެ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީވެސް އެ ސިޓީންނެވެ.

ޗެންވަނީ ވުހާންގެ ހޮސްޕިޓަލްތަކާށާއި މަރުވާ މީހުންގެ ޖަނާޒާތައް ބާއްވާތަންތަނަށްގޮސް ކޮރޯނާ ވައިރަސްގެ މައުލޫމާތު ހޯދައި އެކަމުގެ ސީރިއަސްކަން ދުނިޔެއަށް އަންގާދީފައެެވެ.

ޗެންވަނީ ވީޑިއޯތައް ޔޫޓިއުބާއި ޓުވީޓާއަށް އަޕްލޯޑްވެސްކޮށްފައެެވެ.

ޗެންގެ ހަބަރެއް ނުވާތީ އޭނާގެ މަންމަވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗެން ވައިރަހުގެ ޝިކާރައަކަށް ވެދާނެކަމަށްވެސް ވަނީ ބުނެފައެެވެ.

ޗެންގެ ހަބަރެއް ނުވާއިރު އޭނާ ހައްޔަރުކޮށްފައިވާކަމަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެެވެ.

ޗެންގެ ހަބަރެއް ނުވާއިރު ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައި ޗައިނާގެ ޑޮކްޓަރު ލީ ވެންލިއޭންގެވެސް ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފައެެވެ.

ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 25 ގައުމަކުން ފެނިފައިވާ އިރު އެވައިރަހުގެ ސަބަބުން ގިނަ މީހުން މަރުވީ ޗައިނާގަ އެވެ. އަދި މަރުވި ގިނަ މީހުންނަކީ އެގައުމުގެ މީހުންނެވެ. ނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފިލިޕީންސް އާއި ހޮންކޮންގައި ދެ މީހަކު ވަނީ ވައިރަހުގެ ސަބަބުން މަރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވޫހާންގައި ހުރި އެމެރިކާގެ 60 އަހަރުގެ މީހަކު އެވައިރަހުގެ ސަބަބުން މަރުވެފައިވާ ކަމަށް އެމެރިކާގެ އެމްބަސީން ވަނީ ބުނެފަ އެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް މިހާތަނަށް 37,000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 812 މީހަކު ވަނީ މަރުވެފަ އެވެ.