މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް މާފުށީ މަގުމަތީގައި އުޅެނިކޮށް ފުލުހުން ހައްޔަރު ކުރި ފަތުރުވެރިޔާއަކީ ރިސޯޓަކަށް ގޮސް ރާބޮއެގެން މަސްތުގެ ހާލަތުގައި އެރަށަށް އައި ފަތުރުވެރިއެއް ކަމަށް މާފުށީ ކައުންސިލުން ބުނެފި އެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ސަން"އަށް ވިދާޅުވީ ހައްޔަރުކުރި ފަތުރުވެރިޔާއަކީ އެ ރަށުގެ ގެސްޓްހައުސްއެއްގައި އުޅުމަށްފަހު، އެއް ދުވަހަށް ރިސޯޓަކަށް ގޮސް ރާ ބޮއެގެން މަސްތުވެގެން އައި ފަތުރުވެރިއެއް ކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ އެއްވެސް ގެސްޓްހައުސްއަކުން ފަތުރުވެރިންނަށް ވެސް ރަލުގެ އެއްވެސް ބާވަތެއް ނުވިއްކާ ކަމަށް އުސްމާން ވިދާޅުވި އެވެ.

މާފުށީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް ހުއްޓައި މި މަހުގެ ހަވަނަ ދުވަހު ހައްޔަރުކުރީ އިނގިރޭސިވިލާތުގެ އަންހެން ފަތުރުވެރިއެކެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، ފުލުހުން އޭނާ ހައްޔަރުކުރި ގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އަދި އެކަމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފަތުރުވެރިޔާއާއި އާންމުންގެ ފަރާތުން މައާފަށް އެދިވަޑައިގެންފަ އެވެ.

ބިކިނީގައި ހުރި އެ ފަތުރުވެރިޔާ ނުކިޔަމަންތެރިކަން ދެއްކުމުން ތިން ފިރިހެން ފުލުހުން ވެގެން ފަތުރުވެރިޔާ ފަހަތަށް ބިޑި އަޅުވައި ހައްޔަރު ކޮށްގެން ގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އޭނާ ކައިރީގައި އިތުރު ފިރިހެން ފަތުރުވެރިއަކު ކިޔަމަންތެރިކަމާއި އެކު ހުންނަ މަންޒަރު ވެސް ފެނެއެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާފުށީ ކައުންސިލް ރައީސް ވިދާޅުވީ މިފަދަ މައްސަލަތަކަކީ އެ ރަށުގައި އާންމުކޮށް ދިމާވާ މައްސަލަތަކެއް ނޫން ކަމަށާއި އެ ރަށަށް އަރާ ފަތުރުވެރިންނަށް އާންމު ތަންތަނުގައި އުޅެން ޖެހޭ ގޮތާއި ކުރުން މަނާ ކަންތައްތައް ކައުންސިލްގެ އިތުރުން ގެސްޓްހައުސްތަކުން ވެސް ކިޔައިދޭ ކަމަށެވެ.