09 Feb 2020, 16:07
ޖެންޑާ މިނިސްޓަރުގެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފިއެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އާއިޝާ ދީދީ އައްޔަންކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އާއިޝަތު މުހައްމަދު ދީދީއަކީ ހުންނެވީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.
މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް އާއިޝާ ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އާއިޝާ ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އާއިޝާ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް މަސައްކަތްކުރެއްވީ ތައުލީމީ ދާއިރާގައެވެ. މަޖީދިއްޔާ ސްކޫލުގެ ސައިންސް މުދައްރިސެއްގެ ވަޒީފާއިން ހިދުމަތް ފެއްޓެވި އާއިޝާ، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އިންސްޓިޓިއުޓް ފޯރ ޓީޗާ އެޑިއުކޭޝަންގައިވެސް މަސައްކަތްކުރެއްވިއެވެ. އެއަށްފަހު ޔުނިޓް ޓު ޕްރޮޓެކްޓް ރައިޓްސް އޮފް ޗިލްރެންގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރެއްވި އިރު، ޔުނިސެފްގެ ރާއްޖޭގެ އޮފީހުގައިވެސް މަސައްކަތްކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމެންދެން ޖެންޑާ މިނިސްޓަރުކަން އާއިޝާ ދީދީ ކުރެއްވިއެވެ. އެއަށްފަހު ތައުލީމީ ދާއިރާއާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.
ސެޕްޓެމްބަރު 2010 އިން ފެށިގެން ވިލާ ކޮލެޖުގެ އެކި މަގާމުތައް އާއިޝާ ފުރުއްވި އިރު، އެ ކޮލެޖުގައި އެންމެ ފަހުން އަދާކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (އެކެޑެމިކް)ގެ މަގާމެވެ.
ސައިކޮލޮޖީއިން ޑިގްރީ ފާސް އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އާއިޝާ ވަނީ ޔޫއެންއާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރައްވާފައެވެ. އަދި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ވިލާ ކޮލެޖުގެ އެކެޑެމިކް ސެނެޓު މެމްބަރުކަމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ފަދަ މަގާމުތައް އަދާކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ ސަފީރަކީ އާއިޝާ ދީދީއެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.