ކްރިމިނަލް ކޯޓުގައި އޮތް ރައްޔިތުންގެ މަޖިލީސްގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ މައްސަލަތައް ނުނިމި ލަސްވަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ. މޫސައާއެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ކޯޓަށް ވަޑައިގެންނެވި އެވެ.

މީގެ ކުރިން އެ ދެބޭފުޅުން ވަނީ ދެ ފަހަރު މަތިން އިސް ގާޒީ އަބްދުﷲ މުހައްމަދާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މިއަދު މުހުތާޒާއި ބައްދަލު ކުރެއްވުމަށް ފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ އޭނާއާ އާޒިމް ބައްދަލުކުރަން އުޅުއްވީ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ޗުއްޓީގައި ހުންނެވުމުން ގާޒީ މުހުތާޒް ފަހުމީއާ ބައްދަލުކުރެއްވި ކަމަށެވެ.

އަބްދުﷲ ގާޒީ މިއަދު ހެނދުނު ޗުއްޓީއަށް ވަޑައިގެންނެވިއިރު ނާޒިމް މައްސަލައާއި މެދު ވަކި އެއްޗެއް ވިދާޅުވެފައި ނުވާތީ އެ ކޯޓުގެ ރިސެސްގެ ތެރޭގައި އެ މައްސަލައިގެ ޝަރީއަތްތައް ނުބޭއްވޭނެ ކަމަށް މުހުތާޒް ވިދާޅުވި ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއާ މިއަދު ބައްދަލު ކުރުމުން ވިދާޅުވީ ތިމަންނައެއް ނޫނޭ ނާޒިމްގެ މައްސަލަ ބައްލަވަނީ. އިސް ގާޒީ ވަކިގޮތަކަށް ވިދާޅުނުވެ ޗުއްޓީއަށް ވަޑައިގަތީމަ ރިސެސްގެ ތެރޭގައި ނާޒިމްގެ މައްސަލައިގެ ޝަރީއަތްތައް ނުބޭއްވޭނެޔޭ،" މޫސަ ވިއެވެ.

މޫސަ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކޮންމެ ގާޒީ އެއްގެ އަތްޕުޅުގައި 200 ވަރަކަށް މައްސަލަ މިހާރު ވެސް ނުނިމި އޮތް ކަމަށް މުހުތާޒު ފާހަގަ ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުނިމި ލަސްވާތީ އެކަމުގެ ސަބަބުން ޝަރީއަތް ކުރުމަށް ހުރި ދަތިތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރެއްވި ކަމަށެވެ. މޫސަ ވިދާޅުވީ ޖިނާއީ އިޖުރާއްތުގެ ބިލު އަވަސް ކުރިޔަސް ނާޒިމްގެ މައްސަލަ ބެލުމަށް ހުރަހެއް ނެތްކަމަށް ގާޒީ އަރިހުގައި ދެންނަވާފައިވާނެ ކަމަށާއި މީގެ ފަހުން ކޮންމެ ދުވަހަކު ކްރިމިނަލް ކޯޓުގެ ގާޒީންނާއި ބައްދަލުކުރައްވަން ވަޑައިގަންނަވާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Reeko Moosa (mp3)