އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިތުރު 21 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްފިއެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ކައުންސިލް އިންތިހާބަށް ހަަމަޖައްސާފައި ވަނީ 56.2 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިހާރު ދެ އިންތިހާބަށް މުޅި ޖުމްލަ 77.2 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، މިދިޔަ ހަފްތާ ތެރޭ އެ ކޮމިޝަނަށް 21 މިލިއަން ރުފިޔާ އިތުރަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ހަމަޖެއްސީ ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން އެދިގެން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު މިދިޔަ ހަފްތާ ތެރޭ ކޮމިޝަނުން ރިކުއެސްޓުކޮށްގެން މިހާރު ވަނީ އިތުރު 21 މިލިއަން ރުފިޔާގެ ބަޖަޓެއް ހަމަޖެހިފައި،" އަކްރަމް ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ލާމަރުޒީ ގާނޫނަށް މަޖިލީހުން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަކީވެސް އިލެކްޝަންސްގެ ދަށުން ބާއްވާ އިންތިހާބެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ކުރިން އެ އިންތިހާބު ބާއްވަމުން އައީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ. އޭގެ އިތުރުން އަންހެނުނަށް 33 ޕަސަންޓް ކައުންސިލްތަކުން ހާއްސަކޮށް، ކައުންސިލަރުންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

ހަތަރު ސިޓީ ކައުންސިލާއި 18 އަތޮޅު ކައުންސިލުގެ އިތުރުން 178 ރަށު ކައުންސިލަށް ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ. މި 980 ކައުންސިލަރުންގެ ތެރެއިން 384 ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެއެވެ.

އާބާދީގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށަށް ހަތް ކައުންސިލަރުން އިންތިހާބުކުރާ އިރު، 3،000 އިން ދަށުގެ ރަށްރަށުގައި ފަސް ކައުންސިލަރުން އިންތިހާބުކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި 3،000 މީހުން ހަމަވެ، ހަތް ކައުންސިލަރުން އިންތިހާބުކުރާނީ 15 ރަށެއްގައެވެ.

މީގެ އިތުރުން މާލެ ސިޓީއަށް 19 ކައުންސިލަރުން، އައްޑޫ ސިޓީއަށް 13 ކައުންސިލަރުން އަދި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީއަށް ހަތް ކައުންސިލަރުން އިންތިހާބުކުރާނެއެވެ.