09 Feb 2020, 16:07
ޕެސިފިކް ކަނޑުގައި އޮންނަ ދުނިޔޭގެ އެންމެ ފުންތަނުގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މެރިއާނާ ޓްރެންޗްގެ އެންމެ ފުނަށް ދިޔަ ހާއްސަ އުޅަނދު، ސަބްމާސިބަލް ރާއްޖެ ގެންނަގޮތަށް ނިންމައިފި އެެވެ.
ދެހާސް ދިހަ ވަނަ އަހަރު މަރިއާނާ ޓްރެންޗްގެ އެންމެ ފުނަށް ސަބްމާސިބަލް ވަނީ ދަތުރުކޮށްފަ އެވެ. އެތަނުގެ އެންމެ ފުން ހިސާބުގައި 36,070 ފޫޓް ހުރެ އެެވެ.
މިއީ ރާއްޖޭގެ ކަނޑުފަރު ދިރާސާކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ދިރާސާގައި ރާއްޖޭގެ އެންމެ ފުންތަންތަން ބެލުމުގެ ގޮތުން ގެންނަ އުޅަނދެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ ދިރާސާތަކާ ގުޅޭ ގޮތުން މައުލާމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެ ދިރާސާތައް ފަށާނީ އަންނަ އޭޕްރީލް މަހު ކަމަށެެވެ.
އެގޮތުން ރާއްޖޭގެ އެންމެ ފުން ތިން ސަރަަހައްދެއް ބަލައި އެ ސަރަހައްދުތަކުގައި ހުންނަ ބޮޑެތި އުސް ފަރުބަދަތަކުގެ އަޑިއާ ހަމައަށް ގޮސް އެތަނުގައި ހުންނަ އެއްޗެތި ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
ސަބްމާސިބަލްގައި ޑައިވްތައް ކުރާއިރު ވީޑިއޯ ލިންކެއް މެދުވެރިކޮށް ލައިވްކޮށް ފެންނާނެގޮތް ހެދުމަށް ރަވާމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި، ކަނޑުގެ މާހައުލުގެ، އަދި މަސްމަހާ މެހީގެ އާބާދީގެ ދިރާސާގެ ފުރަތަމަ ބައި ވަނީ މިހަފްތާގެ ތެރޭގައި ވަނީ ނިމިފަ އެެވެ. އެގޮތުން މިހާތަނަށް 16 އަތޮޅެއްގެ ކަނޑުފަރުތައް ވަނީ ބަލައިފަ އެވެ.