09 Feb 2020, 15:46
ކުޑަކުދިންގެ މައްސަލަތަކުގައި ހަތްޔަރުކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުން ނޫން ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގެ ހާލަތު މިހާރު އޮތް ގޮތުން ކުރި ހުރި ވިސްނުމާއި ތަފާތު ވިސްނުމަކަށް މިހާރު އަންނަން ޖެހޭ ކަމަށާއި އެއީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބެހެްއްޓުމުގެ މައްސަލައިގައި ކަމަށެވެ.
އެގޮތުން މީގެ ކުރިން ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ބެހެއްޓުމަށް ދެކޮޅު ހެދި ނަމަވެސް މުޖުތަމައިގެ ހާލަތު މިހާރު އޮތް ގޮތުން އެ ނޫން ގޮތެއް ނެތް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކުޑަކުދިންގެ މައްސަލައިގައި އަޅުގަނޑުމެނަކަށް ނެތް ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ގެންގުޅުން ފިޔަވައި އިތުރު ގޮތެއް. އެއީ އެކަށީގެންވާ ވަރުގެ ތުހުމަތުތައް ހުރިއްޔާ،" އިމްރާން ވިދާޅުވި އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ ހެކި ހުރެ ހައްޔަރު ކުރާ ފަރާތްތައް ޝަރީއަތް ނިމުމުގެ ކުރިން ދޫކޮށްލައިފި ނަމަ އެކަމުގެ ސަބަބުން މުޅި މުޖުތަމައުއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ހުރިހާ ދިވެހިން ވެސް މިހާރު ގަބޫލު ކުރާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި މިހާރު ވެސް 138 ގައިދީން ތިބިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ކޯޓުތަކުގައި 150އަށް ވުރެ ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އެހެންކަމުން ރާއްޖެ މި އޮތީ ވަރަށް ހިތާމަވެރި ހާލަތެއްގައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ ހާލަތު އުފެއްދީ މި އަދުގެ ސަރުކާރުން ނޫން ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފިއެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކޮށްފި މީހަކު، އެމައްސަލައެއްގައި ދައުވާކޮށްފި ނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކޮށްފި ނަމަ އެމީހަކު ކަފަލާތުގެ ދަށުން ދުލެއް ނުކޮށްލެވޭނެ އެވެ.