ވ. ފޮތްތެޔޮ މުލި ސަރަހައްދުގެ ފަރެއް ކައިރިން ޒަހަމްތަކަކާއެކު ބިޑި އަޅުވާފައި އޮއްވާ ފެނުނު މީހާ، ގިނަ ދުވަސް ތަކެއް ވަންދެން ގަލޮޅު ސަރަހަރާގެ ފިނިކޮށާރުގައި ބޭއްވުމަށްފަހު މިއަދު ވަޅުލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހާ ފިނިކޮށާރުގައި ބާއްވާފައި އޮންނަތާ 25 ދުވަސް ފަހުން ވަޅުލަން ފުލުހުން ނިންމީ އެ މީހާގެ ހަށިގަނޑު އެގޮތަށް ބާއްވައިގެން ކުރާނެ މާ ބޮޑު ކަމެއް ނެތުމުން ކަމަށް ފުލުސް މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ. އަދި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހުރިހާ ސާމްޕަލް ތަކެއް މިހާރު ނަގާނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާ ދުވަހު ބާއްވާފައި އޮތީ އާއިލައަކުން އެ ބޮޑީއާ ހަވާލުވެދާނެ ކަމަށް ބަލާފައި. އެއީ އާއިލާއަށް އެ ފުރުސަތު ދިނުމުގެ ގޮތުން،" އޮފިޝަލު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ވަޅުލާނެ ކަމަށެވެ.

އެއީ ކާކުކަން ދެނެ ގަތުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ކާކުން ދެނެ ގަތުމަށް ސަރަހައްދުގެ ގައުމުތަކާއި އެ ގައުމުގެތަކުގެ ކަމާބެހޭ ފަރާތްކާ ގުޅައިގެން މިހާތަނަށް ކުރި މަސައްކަތުން އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.


ފޮއްތެޔޮ މުލީ ކައިރިން ދަތުރި ކުރި ދޯންޏަކަށް ފެނުނު ގަބުރުގެ މާލެ ގެނެސް، އާ ސަހަރާއަށް ގެންދިއުމަށް ފަހު، ގަލޮޅު ސަހަރާގެ ފިނިކޮށާރަށް ބަދަލުކޮށްފައި ވަނިކޮށް އާންމުންގެ ބަޔަކު އެ ސަރަހައްދަށް އެއްވެ، މަރުގެ ހަގީގަތް އޮޅުން ފިލުވައި ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ވަޅުނުލުމަށް އަޑު އުފުލައި މުޒާހަރާ ކޮށްފައި ވެއެވެ. އަދި އެމީހާ އަކީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ފުލުހުން މަރާލާފައިވާ މީހެއް ކަމަށް ޝައްކު ވެސް އުފައްދާފައިވެއެވެ.

އަނިޔާކޮށް ބިޑިއަޅުވާފައި އޮއްވާ ފެނުނު ގަބުރަކީ އިސްކޮޅުން ދިގު، ބިޔަ، ހިސާބަކަށް ތުނބުޅި ހުރި އަދި ގައިގައި ވެސް ވަރަށް ގިނައިން އިސްތަށި ހުރި ފިރިހެނެކެވެ. ހިތާނުވެސް ކޮށްފައި ނުވާ އެ މީހާގެ ކަނާތު ފައިގެ ކަށިމަތިން ބިނދިފައިވާއިރު ބިޑި އެޅުވުމުގެ ސަބަބުން ދެ އަތުގެ ކުޑަހުޅު މަތީގައި ޒަހަމްތައް ހުއްޓެވެ.

ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެއީ ދިވެއްސެއް ކަމަށް ވެސް ނުބެލެވޭ ކަމަށާއި ލަފާ ކުރެވެނީ ބޯޓެއްގެ ތެރޭގައި "ކްރިމިނަލް ވަޔަލެންސްގެ ކަންތައްގަނޑެއް"ގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށެވެ.

ގަލޮޅު ސަހަރާގެ ފިނި ކޮށާރުގައި ގަބުރު ފިނިކޮށްފައި ބޭއްވުމަށް ކޮންމެ ދުވަހަކަށް ބޮޑު ހަރަދެއް ހިނގަ އެވެ.