ޕާކިން ޖޫރިމަނާ ކުޑަކުރުމަށާއި، ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކުރާ ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ދައުވާކޮށް، އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖަހާ ސްޓިކާގެ ޖޫރިމަނާ ކުޑަކުރަން ބިލުގައި ބުނެފައިވެ އެވެ. ބިލުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިހާރު ގާނޫނުގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނީ 250 އިންނެވެ. ދެވަނަ ފަހަރު ސްޓިކާ ޖަހައިފިނަމަ ޖޫރިމަނާ ފީއަކީ 500 ރުފިޔާއެވެ. އަދި ތިން ވަނަ ސްޓިކާއިން ފެށިގެން އިތުރުވާ ކޮންމެ ސްޓިކާއެއްގެ ޖޫރިމަނާ ފީއަކީ 750 ރުފިޔާ އެވެ.

ގަވާއިދާ ހިލާފަށް ޕާކު ކުރާ ފަރާތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޖޫރިމަނާކުރުމުގެ ނުވަތަ އެމީހެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށްވުރެ ބާރަށް އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާއިން، ދެވަނަ ފަހަރު 1500 ރުފިޔާއިން އިން ޖޫރިމަނާ ކުރަން އަދި ތިން ވަނަ ފަހަރުން ފެށިގެން ބާރަށް ދުއްވައިގެން ހުއްޓުވާ ކޮންމެ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އަދި އެ ފަރާތެއް ދުއްވި އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށްވެސް އިސްލާހުގައިވެއެވެެ.

އަދި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އަދި އެ ނިޒާމުގެ ދަށުން، ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު، އެ ޖޫރިމަނާގެ އަދަދުތައް މުރާޖައާކޮށް، ބަދަލުކުރުމުގެ އިހްތިޔާރާއި ޖޫރިމަނާ ކުރި ކުރުން ބާތިލުކުރުމުގެ އިހްތިޔާރުވެސް މިނިސްޓްރީއަށް ލިބިދޭނެ ކަމަށް އިސްލާހުގައިވެއެވެ.

ނަމަވެސް ކުރެވޭ ޖޫރިމަނާއެއް އެއްވެސް ފަރާތަކުން ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި، ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ވަކި ރަށެއްގައި، ނުވަތަ ވަކި ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަން ޖެހެއެވެ.

އަދި ޓްރާންސްޕޯޓު މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް، އިތުރު ލައިސެންސެއް ހޯދުމަކާ ނުލާ 90 ދުވަހު ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

އެހެންކަމުން އެ ގައުމެއްގެ ލައިސެންސް މިނިސްޓްރީން ގަބޫލުކުރާނެ ގައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އެކުލަވާލަން ޖެހޭނެއެވެ.

އަދި މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިހާނެއް ހެދުމަކާ ނުލައި ދާއިމީ ލައިސެންސެއް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.