09 Feb 2020, 13:31
ބެއިޖިން (ފެބްރުއަރީ 9): ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް އިތުރު ވަގުތީ ނަމެއް ދޭން ނިންމައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަސްއަށް ފުރަތަމަ ކިޔަން ފެށި ނަމަކީ ނޮވެލް ކޮރޯނާވައިރަސް (2019-އެންސީއޯވީ) އެވެ. އަދި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި މިހާރު އެ ވައިރަހަށް ދޭން ނިންމާފައިވާ ވަގުތީ ނަމަކީ ނޮވެލް ކޮރޯނާވައިރަސް ނިއުމޯނިއާ (އެންސީޕީ) އެވެ.
ނަމަވެސް އެ ވައިރަހަށް ދޭނެ ރަސްމީ ނަމެއް އެ ކޮމިޝަނުން ހާމަ ނުކުރެ އެވެ.
މީގެ ކުރިން 2002 އާއި 2003އާ ދޭތެރޭ ދުނިޔޭގައި ފެތުރުނު ކޮރޮނާވައިރަހުގެ ބާވަތަށް ދިން ނަމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) އެވެ. އެ ވައިރަސް 17 ގައުމެއްގައި 8،098 މީހުންނަށް ޖެހި، އޭގެ ސަބަބުން 774 މީހަކު މަރުވި އެވެ.
އެއާ އަޅާ ބަލާއިރު ނޮވެލް ކޮރޯނާވައިރަސްއަށް މިހާތަނަށް 37,000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 812 މީހަކު ވަނީ މަރުވެފަ އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނި ގޮތުގައި ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ސާސް ޖެހިގެން މަރުވި މީހުންނަށް ވުރެ ގިނަވި ނަމަވެސް، ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މީހުން މަރުވާ ރޭޓު ސާސްއަށް ވުރެ ކުޑަ އެވެ. އެގޮތުން ސާސްގައި މީހުން މަރުވާ ރޭޓު 9.6 ޕަސެންޓަށް އެރި ނަމަވެސް ނޮވެލް ކޮރޯނާވައިރަސް ހުންނަ މީހުން މަރުވާ ރޭޓަކީ އެންމެ 2.2 ޕަސެންޓެވެ.
ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 25 ގައުމަކުން ފެނިފައިވާ އިރު އެވައިރަހުގެ ސަބަބުން ގިނަ މީހުން މަރުވީ ޗައިނާގަ އެވެ. އަދި މަރުވި ގިނަ މީހުންނަކީ އެގައުމުގެ މީހުންނެވެ. ނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފިލިޕީންސް އާއި ހޮންކޮންގައި ދެ މީހަކު ވަނީ ވައިރަހުގެ ސަބަބުން މަރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވޫހާންގައި ހުރި އެމެރިކާގެ 60 އަހަރުގެ މީހަކު އެވައިރަހުގެ ސަބަބުން މަރުވެފައިވާ ކަމަށް އެމެރިކާގެ އެމްބަސީން ވަނީ ބުނެފަ އެވެ.