މޯލްޑިވްސް މީޑިއާ ކައުންސިލުން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރުގެ ފަރާތުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މީޑިޔާ ކައުންސިލްގެ ހުސް ވެފައިވާ މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަދުވަހުގެ ކުރިން ވަނަވަރާއި ޢިލްމީ ފެންވަރު ދޭހަކޮށްދޭ ލިޔުމާއި، މީޑިޔާގައި މަސައްކަތްކުރާ ފަރާތުގެ ލިޔުން އެ މިނިސްޓްރީއަށް ހުށައެޅުމަށެވެ.

މީޑިޔާ ކައުންސިލަށް އިންތިހާބުވެފައިވާ 15 މެންބަރުންގެ ތެރެއިން މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވަނީ މީޑިޔާ ކައުންސިލުން އިންތިހާބުވެ ވަޑައިގެންނެވި ހަވީރު ނޫހުގެ އަހުމަދު އަބްދުﷲ ސައީދާއި އަމިއްލަ މެންބަރު އަހުމަދު ފައިސަލެވެ.
.
މީޑިޔާ ކައުންސިލުން އެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ކައުންސިލްގެ މެންބަރަކަށް މަހަކު 7،500ރ. ގެ ރޭޓުން ހަ މަހުގެ ފައިސާ ގަނޑުކޮށް ނެގި މައްސަލައިގަ އެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތަކުން އިންތިހާބުކޮށްފައިވާ އަށް މެންބަރުންނާއި އަދި އާންމުންގެ ފަރާތުން ކަނޑައަޅާ ހަތް މެންބަރެއްގެ މައްޗަށެވެ.