ގދ. ގައްދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމަށް ތަކުރާރުކޮށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދުމުން ވެސް ދައުލަތުން ވަކީލަކު ހާޒިރު ނުކޮށްދިނުމުން އެންމެ ފަހުން ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ގައްދޫ ކޯޓަށް ހާޒިރު ވުމުގެ އަމުރެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރެފި އެވެ.

ގައްދޫ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނަނީ ދައުލަތުގެ ފަރާތުން ޖަވާބު ދާރީވާނެ ފަރާތެއް ގައްދޫ ކޯޓަށް ފޮނުވުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް އިޖާބަ ދީފައި ނުވާތީ ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ގައްދޫ ކޯޓަށް މުއިއްޒު ހާޒިރުވެ ވަޑައިގަތުމަށް އަންގާ ކަމަށެވެ.

އޭޖީ މުއިއްޒު ގައްދޫ ކޯޓަށް ހާޒިރު ވުމުގެ އަމުރު ނެރުނީ ސަރުކާރުގައި 13 އަހަރު މަސައްކަތް ކުރި ދުވަސްތައް ޕެންޝަނަށް ނުގުނާ ކަމަށް ބުނެ ގައްދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަކީ ދައުލަތައް ރައްދުވާ މައްސަލައަކަށް ވެފައި، މީގެ ހަތް މަސް ކުރިން ފެށިގެން ދައުލަތުގެ ވަކީލަކު ގައްދޫ ކޯޓަށް ހާޒިރު ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ގައްދޫ ކޯޓުން ބުނީ އޭޖީ އެ ކޯޓަށް ހާޒިރުވުމަށް އެންގުމުން އެކަމާ ގުޅިގެން އޭޖީ އޮފީހުން ގުޅައި މައާފަށް އެދި މައްސަލަ އޮޅުން ފިލުވައިދޭ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އަނގަބަހުން ނުބުނެ ލިއުމަކުން އެކަން ގައްދޫ ކޯޓަށް އެންގުމަށް އޭޖީ އޮފީހަށް އަންގާފައިވާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

މިކަމާ ގުޅިގެން ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ގައްދޫ ކޯޓް މެޖިސްޓްރޭޓަކީ ވަރަށް މަޝްހޫރު ގާޒީއެއް ކަމަށްވާ މުހައްމަދު ރާގިބެވެ.