އިޓާލިއަން ލީގުގައި ވިދިވިދިގެން 10 މެޗުގައި ގޯލު ޖެހުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ނަމަވެސް ޔުވެންޓަސް ރޭގެ މެޗުން ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ހެލާސް ވެރޯނާ އަތުން ޔުވެންޓަސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ވެސް ޔުވެންޓަސް މިވަގުތު އޮތީ 23 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ. އެކަމަކު މިރޭ އިންޓަ މިލާނާއި އޭސީ މިލާން ކުޅޭ މެޗުން އިންޓަ މިލާން މޮޅުވެއްޖެ ނަމަ ޕޮއިންޓްގެ ގޮތުން ޔުވެންޓްސްއާއި އެއްވަރުވާނެ އެވެ. ރޭގެ މެޗުން މޮޅުވި ވެރޯނާ ވަނީ މެޗުން ލިބުނު މޮޅާ އެކު ތާވަލުގެ ހަވަނަ އަށް ޖެހިލައިފަ އެވެ.

ވޭތުވެ ދިޔަ ހަފުތާގައި ރޮނާލްޑޯ ޔުވެންޓަސްއަށް ޖަހައިދިން ގޯލާ އެކު އޭނާ ވެގެންގޮސްފައި ވަނީ 2005 ވަނަ އަހަރު އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ޓްރެޒެކުއެޓްގެ ފަހުން ވިދިވިދިގެން ނުވަ ގޯލު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. އަދި އުމުުރުން 35 އަހަރުގައި ރޮނާލްޑޯ ރޭ ޖެހި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ އިޓާލިއަން ލީގުގައި ވިދިވިދިގެން 10 މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ ގޯލުން ޔުވެންޓަސް ލީޑު ނަގާފައި އޮއްވާ ވެރޯނާއިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ވެރޯނާއިން މެޗުގެ އޮއެވަރު ބަދަލު ކޮށްލީ މެޗު ނިމެން 14 މިނަޓުގެ ތެރޭގަ އެވެ. ވެރޯނާއަށް އެ މެޗުގައި ޖެހި ދެ ގޯލު ޖަހައިދިނީ 75 ވަނަ މިނަޓުގައި ފެބިއޯ ބިރޮނީއާއި 86 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީ އަކުން ގިއަމްޕައޮލޯ ޕަޒިނީ އެވެ.

ޔުވެންޓަސްއިން ދެން އަންނަ މެޗެއްގައި ދެން ވާދަ ކުރާނީ އެ ޓީމާއި ޒަމާނުއްސުރެން އެންމެ ވާދަވެރި އޭސީ މިލާންއާ ދެކޮޅަށެވެ. ކޮޕާ އިޓާލިއާގެ ސެމީފައިނަލުގެ އެ ކުރިމަތިލުމަށް ނުކުންނަ އިރު މިލާންގެ ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް ވަނީ ރޮނާލްޑޯއަށް ފާޑުކިޔައިފަ އެވެ.