09 Feb 2020, 09:38
ބެއިޖިން (ފެބްރުއަރީ 9): މިހާރު ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު، 2003 ވަނަ އަހަރު ދުނިޔޭގައި ފެތުރުނު ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ޖެހިގެން މަރުވި މީހުންނަށް ވުރެ އިތުރުވެއްޖެ އެވެ.
ނޮވެލް ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި ވޫހާން އޮންނަ ހޫބެއި ޕްރޮވިންސުގެ ހެލްތު އޮފިޝަލުން ބުނި ގޮތުގައި އެ ވައިރަހުގެ ސަބަބުން އިއްޔެ އެސަރަހައްދުން އެކަނި ވެސް 81 މީހަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން މިދިޔަ ޑިސެމްބަރު މަހު ފެނުނު އެވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 803 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.
ނޮވެލް ކޮރޯނާވައިރަސްއާ އެއް އާއިލާއެއްގެ ސާސް ފެތުރުނީ 2002 އާއި 2003އާ ދޭތެރޭގަ އެވެ. ޗައިނާގެ ދެކުނުން ފުރަތަމަ ފެތުރެން ފެށި އެވައިރަސް 17 ގައުމެއްގައި 8،098 މީހުންނަށް ޖެހި، އޭގެ ސަބަބުން 774 މީހަކު މަރުވި އެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ފަހުން އެއްވެސް މީހަކަށް ސާސް ޖެހިފައި ނުވާ ކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސްއިން ބުންޏެވެ.
ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ 37,198 އަށް ވުރެ ގިނަ މީހުން 25 ގައުމަކުން ވަނީ މިހާތަނަށް ފެނިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ޗައިނާއިން ވަނީ ވޫހާން އެއްކޮށް ބަންދުކޮށް، ކައިރީގައި އޮތް ގިނަ ސިޓީތައް ވެސް ކަރަންޓީނުކޮށްފަ އެވެ. އަދި ދުނިޔޭގެ ގިނަ އެއާލައިންތަކުން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލައި، ބައެއް ގައުމުތަކުން ދަނީ ހޫބެއިގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދަމުންނެވެ.
ނޮވެލް ކޮރޯނާވައިރަސް ފެތުރެމުން ދިޔުމުގެ ސަބަބުން މިދިޔަ މިދިޔަ މަހުގެ 31ގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.