09 Feb 2020, 01:53
އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓާ ވުމަށް ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، ރީ ރެޖިސްޓްރޭޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލުމުން ރީ ރެޖިސްޓްރާ ވާން ޖެހޭނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ކަމަށެވެ. ނަމަވެސް ސިނާއީ ތަންތަނާއި ރިސޯޓްތަކާއި ޖަލުތައް އިސްތިސްނާ ވާނެ ކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.
ރީ ރެޖިސްޓްރޭޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލާއިރު އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އޮންނާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ރީ ރެޖިސްޓްރޭޝަން ފޯމް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަން އަކްރަމް ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖެއިން ބޭރުގެ އިންޑިއާގެ ޓްރެވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯ އިންނާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަން އިން ވެސް ހުށަހެޅޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ފޯމުގައި ގުޅޭނެ ނަންބަރު ރަނގަޅަށް ޖެހުމަށް. އެއްވެސް މައްސަލައެއް އުޅޭނަމަ އަޅުގަނޑުމެން ކޮންޓެކްޓް ކުރާނީ ފޯމުގައި އިންނަ ނަންބަރަށް ގުޅައިގެން،" އަކްރަމް ވިދާޅުވި އެވެ.