09 Feb 2020, 01:02
ނިވާކަން ކުޑަ ގޮތަކަށް ކ. މާފުށީ ރަށު ތެރޭގައި އުޅުނު ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސް ކޮށޭ ބުނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މާފުށީ މަގުމަތީގައި 'ބިކިނީ' ގައި އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔުރު ކުރި ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމު ވުމުން ފުލުހުންނަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މައާފަށް އެދިވަޑައިގެން ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި އެއަށް ވުރެ ރަނގަޅަށް އަމަލު ކުރެވޭނެކަން ފާހަގަކުރައްވައި އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަދު އާންމުވި އިތުރު ވީޑިއޯ އަކުން ފެންނަ ގޮތުން ފުލުހުން އަމަލު ކުރި ގޮތަށް އާންމުން ވަނީ ތައުރީފް ވެސް ކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން، ފަތުރުވެރިޔާއަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ބަސް ގަބޫލު ނުކޮށް ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ގަޔަށް އަތްލުމަށް ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
އެ ހާދިސާއާ އަށް އިޝާރާތްކުރައްވައި ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ފަތުރުވެރިޔާ މެދު އަމަލު ކުރި ގޮތުން ފާޑުކިޔުން އަމާޒު ވި ނަމަވެސް އެ ސީންނަށް އެޓެންޑް ނުވެ ދޫކޮށްލި ނަމަވެސް ފާޑުކިޔުން އަމާޒުވާނެ ކަމަށެވެ.
"އެހެންވީމަ އެ ޑިސިޝަން އެގޮތަށް ނެގުމުން އަޅުގަނޑު ހިތުން އެއަކަށް ނެތް މާ ގިނަ ނުރުހުންތެރިކަމެއް ނުވަތަ ނުބައިކޮށް އަމާޒު ކުރެވޭކަށް،" އިމްރާން ވިދާޅުވި އެވެ.
ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި އެ އަށް ވުރެ ވެސް ރަނގަޅަށް އަމަލު ކުރެވޭނެ ކަން ސީޕީއެކޭ އެއް ގޮތަށް މިނިސްޓަރު ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ސެކިއުރިޓީ ޕްރޮސްޕެކްޓިވްއަކުން ބަލައިފިއްޔާ އަޅުގަނޑުމެންނަކަށް ނެތޭ ބުނެވޭކަށް އެ ސިޓްވޭޝަން ކޮންޓްރޯލް ކުރިއަކީ ވަރަށް ގޯސްކޮށެކޭ އެއް،" އިމްރާން ވިދާޅުވި އެވެ.
ފުލުހުން ބުނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ.
އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން ބިކިނީގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވޭ އޭނާ ވަނީ ދޫކޮށްލާފަ އެވެ.