08 Feb 2020, 21:57
ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކޮށްފި އެވެ.
ނޮވެލް ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯހުން މީގެ ކުރިން ބުނީ، ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެ ގައުމުގައި މިވަގުތު ތިބި ދިވެހީން ރާއްޖެ އަންނަ ނަމަ، ރާއްޖެ އައުމާ އެކު އެއާޕޯޓުން، ގެންދާނީ ކަރަންޓީނު ފެސިލިޓީއަކަށް ކަމަށެވެ. އަދި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވާ ފަރާތެއް ނަމަވެސް ކަރަންޓީން ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯހުން މިރޭ ބުނީ، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ރާއްޖެއައި ދިވެއްސަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާގެ ހަށިގަނޑުން ކޮރޯނޯގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ޓާސްކް ފޯހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ވެސް ކަރަންޓީން ކޮށްފައި ވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ރާއްޖެ އައުމުން ކަމަށް ވެސް ޓާސްކް ފޯސް އިން ވަނީ ބުނެފަ އެވެ.
ކޮރޯނާ ވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީއިން ނެރެ، އިންޑިއާގެ ދިއްލީ ކައިރީގައި ހުންނަ މަރުކަޒެއްގައި ކަރަންޓީނު ކުރި ހަތް ދިވެހީން ވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ނިންމައި އެކަން އިއުލާން ވެސް ކޮށްފަ އެވެ.
ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާވައިރަސް މިހާރު އެކި ގައުމުތަކަށް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 34،500އަށް އަރައި، 722 މީހަކު ވަނީ މަރުވެފަ އެވެ.