ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ދެވަނަ ބައިގެ ބަތަލާ އަކަށް ކިއާރާ އަދުވާނީ ހަމަޖައްސައިފި ކަމަށް ހަބަރުތައް ބުނެފި އެވެ.

އަދި އެ ފިލްމު ކުޅުމަށް ކިއާރާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއްނުވެ އެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔާ ރޯއީ ކަޕޫރެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސިދާތް މަލްހަތްރާ އާއި ޝްރައްދާ ކަޕޫރެވެ.

ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް އަހަރުގެ މެދުތެރޭ ފެށުމަށް ވަނީ ނިންމައިފަ އެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

ކިއާރާ ވަނީ ޝާހިދު ކަޕޫރުގެ "ކަބީރު ސިންހް"ގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އިންދޫ ކީ ޖަވާނީ"، ކާރްތިކް އާރްޔަން އާއެކު ކުޅޭ "ބޫލް ބުލައްޔާ 2"، އަކްޝޭ ކުމާރާ އެއްކޮށް ފެނިގެންދާ "ލަކްޝްމީ ބޮމް"ގެ އިތުރުން ސިދާތު މަލްހޯތުރާ އާއެކު ފެނިގެންދާ "ޝޭރްޝާހް" ހިމެނެ އެވެ.