މި އަހަރުތެރޭ ރިލީޒްކުރުމަށް ނިންމި ފިލްމު "އާރްއާރްއާރް" ރިލީޒްކުރުން ފަސްކޮށްފި އެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ނިންމީ މި އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް މި ފިލްމު އެޅުވުން އަންނަ އަހަރަށް ފަސްކޮށް، ފިލްމު އަޅުވާ ތާރީހް ވެސް ވަނީ ހާމަކޮށްފަ އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. އެ ފިލްމުގެ ބަތަލާ އަކީ އާލިއާ ބަޓްއެވެ.

މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ "ބާހްބަލީ"ގެ ދެ ފިލްމަށް ރާޖަމޯލީ ގެނެސްދޭ ހަނގުރާމަ ފިލްމެކެވެ.

އެ ފިލްމު ތެލުގޫ، ތަމިލް، ހިންދީ، މަލަޔާލަމް އަދި އިތުރު ބަސްތަކުން ވެސް ޑަބް ކުރާނެ އެވެ.