05 Dec 2011, 12:26
ޖީއެސްޓީއާ ގުޅިގެން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިޔަފާރިތަކަށް ދޫކުރާ ވަކި ލާރި އެކަށީގެންވާ މިންވަރަކަށް ދައުރުވަމުން ނުދާކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެމްއެމްއޭއިން ބުނީ މީގެ ކުރިން ވިޔަފާރީގައި އާންމުކޮށް ބޭނުން ނުކުރާ ވަކި ލާރި ޖީއެސްޓީއާއެކު ބޭނުން ކުރަން ޖެހުމުން އެމްއެމްއޭއިން 50ލ. އިން ދަށުގެ ވަކި ލާރި ގިނަ އަދަދަކަށް ވިޔަފާރިތަކަށް މާރުކޮށް ދެމުން އަންނަ ކަމަށެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަށް ދައްކާގޮތުން އެ އޮތޯރިޓީން އެކަނިވެސް އެމްއެމްއޭ މެދުވެރިކޮށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ ވަކިލާރި ވަނީ މާރުކޮށް ދިނެވެ.
މީރާގެ ބޭރުންވެސް އެމްއެމްއޭއިންވެސް ގިނަ ވިޔަފާރިވެރިން ރުފިޔާ ވަނީ މާރުކޮށްފަ އެވެ.
ޖީއެސްޓީ އާއި އެކު ވިޔަފާރިތަށް ވަކި ލާރިއަށް ޖެހުނުކަމުގައި ވިޔަސް އެމްއެމްއޭއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ "ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ވަކި ލާރި ބޭނުން ކުރުން އިތުރުވުމާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާ ފޮތި ދޫކޮށްފައިވާ" ކަމަށެވެ. ނަމަވެސް "އެ ފައިސާފޮތިތަށް އެ ކަށީގެންވާ މިންވަރަށް ދައުރުވަމުން ނުދާ" ކަމަށެވެ.
އެ މައްސަލަ ބޮޑުވުމުން އެމްއެމްއޭއިން ވަނީ ފައިސާ ފޮތި "ރައްކާ ނުކުރުމަށް" އާންމު ފަރާތްތަކަށް އަންގާފަ އެވެ.
"ފައިސާ ފޮއްޗަކީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށްވާތީ، މި އޮތޯރިޓީން އާންމު ފަރާތްތަކަށް އިލްތިމާސް ކުރަނީ، ރައްކާކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ވިޔަފާރި މުއާމަލާތްތަކުގައި ފައިސާ ފޮތި ބޭނުން ކުރުމަށްޓަކައި ދައުރުކުރުމަށް ނެރުއްވުމަށެވެ،" އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
ޑޮލަރު ސްޕެކިއުލޭޓް ކުރާގޮތަށް ވަކި ލާރި ފޮރުވަން ފެށުމުން ފައިސާ ފޮތި ނޫޓަށް ބަދަލު ކުރާކަން ވެސް އެ ބަޔާން މެދުވެރިކޮށް ހަދާން ކޮށްދީފަ އެވެ.
މިކަމާ ގުޅޭ އިތުރަށް މައުލޫމާތު އެމްއެމްއޭއިން ލިބޭގޮތެއް ނުވި އެވެ.