ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ތިން ވަނަ ސީޒަން އަންނަ މާޗު މަހު ދެއްކުމަށް ނިންމާފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

އެ ސީރީޒްގެ ތިން ވަނަ ސީޒަން މާޗު މަހު ދައްކާނެކަން އިއުލާންކުރި ނަމަވެސް ސީރީޒް ދައްކާނެ ތާރީހެއް ހާމަކޮށްފައެއްނުވެ އެވެ. ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ.

ނެޓްފްލިކްސް އިން ބުނީ އެލީޓުގެ ފުރަތަމަ ސީޒަން ވަނީ 20 މިލިއަން އެކައުންޓުން ބަލާފައި ކަމަށެވެ. އެ އަދަދަކީ ޝޯ ނެރުނު ދުވަސްކޮޅުގެ އަދަދެއް ކަމަށް ވެސް ނެޓްފްލިކްސް އިން ހާމަކޮށްފައިވެ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ.