08 Feb 2020, 20:09
ޖެނީވާ (8 ފެބްރުއަރީ 2020): ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ވަސީލަތްތައް އުފައްދާ ސްޕީޑް އަވަސްކުރުމަށާ އި އަދި އުފައްދާ މިންވަރު އިތުރުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫ.އެޗް.އޯ. އިން ގޮވާލައިފިއެވެ.
ހޮސްޕިޓަލްތަކާއި ކްލިނިކްތައްފަދަ ސިއްޙީ ޚިދްމަތްދޭ ތަންތަނުގައި ބޭނުންކުރާ މާސްކާއި ގައުންއާއި އަންގިފަދަ ތަކެތި އުފައްދާ ސްޕީޑް އަވަސްކޮށް އޭގެ އަދަދު އިތުރުކުރުމަށް ޑަބްލިޔޫއެޗްއޯ ގެ ޑައިރެކްޓަރ އަދަނޮމް ގެބްރެޔެސަސް ގޮވާލެއްވީ ކޮރޯނާ ވައިރަސް ފެތުރެމުންދާލެއް އަވަސްވުމާއެކު އެތަކެތީގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަނޮމް ވިދާޅުވީ މާސްކާއި ގައުންއާއި އަންގިފަދަ ތަކެއްޗަކީ އާންމުގޮތެއްގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިން ބޭނުންކުރާ ތަކެތިކަމަށްވިޔަސް ކޮރޯނާ ވައިރަސް ފެތުރެމުންދިޔުމާއެކު ސިއްޙީ ނޫންދާއިރާތަކުގެ މީހުންވެސް އޭގެ ބޭނުންކުރަން ޖެހިފައިވާތީ އެތަކެތީގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ އަގު ބޮޑުވެފައިވާކަމުގައެވެ.
ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި ޑިމާންޑް ބޮޑުވެ މާސްކާއި ގައުންއާއި އަންގިފަދަ ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށް ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި އެތަކެތި ރައްކާކޮށްފައި ބެހެއްޓުންފަދަ ކަންކަންވެސް ބައެއް ވިޔަފާރިވެރިން ކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑަބްލިޔޫ.އެޗް.އޯ. ގެ ޑައިރެކްޓަރ އަދަނޮމް ތުހުމަތު ކުރެއްވިއެވެ. އަދަނޮމް އިލްތިމާސް ކުރެއްވީ އެކަން ނުކުރުމަށާ އަދި އެކަން ހުއްޓުވުމަށް ގައުމުތަކުގެ ސަރުކާރުތަކާއި ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކުރުމަށެވެ.
މީގެއިތުރުން މާސްކާއި ގައުންއާއި އަންގިފަދަ ތަކެތީގެ ކޮލިޓީ ހިފަހައްޓައި އެތަކެތި އުފައްދާމިންވަރު އިތުރުކުރުމަށްވެސް ކަމާބެހޭ ކުންފުނިތަކަށް އަދަނޮމް ގޮވާލެއްވިއެވެ. މާސްކާއި ގައުންއާއި އަންގިފަދަ ތަކެތީގެ ޑިމާންޑް އެންމެ ބޮޑުވެފައިވަނީ ޗައިނާގައެވެ. އެތަކެތި އުފައްދާ ޗައިނާގެ ކަރުޚާނާތަކުންވަނީ 24 ގަޑީއިރު ދަންފަޅި ބަހައިގެން އެތަކެތި އުފައްދާ މިންވަރު އިތުރުކޮށްފައެވެ. އަދި އެތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ކަންތައްވެސް ޗައިނާ ގެންދަނީ 24 ގަޑީއިރު ހުއްޓުމެއްނެތި ކުރަމުންނެވެ.
ނަމަވެސް ޑިމާންޑް ބޮޑުކަމުން އެތަކެތީގެ އަގުބޮޑުވުމުގެ އިތުރުން އެތަކެތި ލިބުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާއިން ވަނީ އެތަކެތި އުފައްދާ އެހެން ގައުމުތަކުންވެސް ޗައިނާއަށް އެތަކެތި ސްޕަލައިކޮށް ދިނުމަށް އިލްތިމާސްކޮށްފައެވެ. (ނޫސްއެޖެންސީތައް)