08 Feb 2020, 16:57
މި މަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދު ކަނޑުގެ އަޑިން ފެނުނު ތުވާލީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
"ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އެމްއެންޑީއެފްގެ ޑައިވަރުންނަށް އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވެއެވެ. އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތުވާލީގެ އިތުރުން ޑަސްޓްބިން ކޮތަޅެއްގެ ތެރޭގައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައި ވަނީ 41 މީޓަރު އަޑިންނެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ އެ ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ކުރި ތަހުލީލުތަކުން އެއީ ދަވާދާއި ގްލޫކަން އެނގިފައިވާ ކަމަށެވެ.
ކަނޑުގެ އަޑިން ފެނުނު ތަކެއްޗާ، ގެއްލިގެން ހޯދަމުން އަންނަ ކައްޕި ގެއްލުމާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކަށް ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ދޯނި ފަރަށް އެރި އިރު އެ ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބިކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެންމެ ފުރަތަމަ ފުލުހުން އަދި އެމްއެންޑީއެފް އިން ވެސް ބުނެފައި ވަނީ ދޯނީގައި ތިބީ ކައްޕި އާއެކު ދެ ބިދޭސީން ކަމަށެވެ.
ފުލުހުން ބުނީ ދޯނީގައި ތިބި މީހުންނާ ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.