ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ)، ޓޫރިޒަމަށް އަލަށް ހުޅުވާލާ ރަށްތައް އިއުލާނު ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅައިދިން މައްސަލައިގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފައެވެ.

މަރީ އެ ހަފްލާ ހުށަހަޅައިދިނުމް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައިފައެވެ. އަދި އެންމެ ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ މައްސަލަ މަޖިލީހުން ބަލާނެކަމަށް ވިދާޅުވެފައެވެ.

އޭރު މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެންކަމުން މަޖިލިސް ހުޅުވުމާއި އެކު އެ މައްސަލަ ކޮމިޓީން ބަލާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އާ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެއާއެކު އަންނަ ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް މަރީ ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ނިންމައިފައެވެ.

ރޮޒައިނާ ކުރިން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފަސް ނުޖެހި ކުރަމުން ގެންދާނެ ކަމަށެވެ.

މަރީ އެ ހަފްލާ ހުށަހަޅައިދިނުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ އޭރުގެ މެމްބަރު ފާތުމަތު ޒައިނާ ގޮނޑި ޖަހަން އުޅުއްވާ މަންޒަރު އާންމުވެ އެކަމާ ގުޅިގެން މަޖިލީހުގެ މި ދައުރުގައި އޭނާ ކޮމިޝަންގެ މެމްބަރުކަމުން ދުރުކޮށްފައި ވާތީއެވެ.

އެ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފައެވެ. މިނިސްޓަރު ވިދާޅުވީ މަރީ އެ ހަފްލާ ހުށަހަޅައިދިނުމަކީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ނޫންކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ މެމްބަރުންނަށް ސަރުކާރު ހަފްލާތައް ހުށަނޭޅޭނެ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާނަމަ، އެކަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންވާނެ ކަމަށެވެ.