ފިރިހެން ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި މަސައްކަތް ކުރާނެ 60 ޕްރިޒަން އޮފިސަރުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރިން ކުރި އިއުލާނެއްގައި ވަނީ 60 ޕްރިޒަންސް އޮފިސަރުން ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ އިއުލާނުގައި ބުނާގޮތުގައި ޕްރިޒަންސް އޮފިސަރުންގެ ސުންގަޑިއަކީ މާދަމާ އެވެ.

ކަރެކްޝަންސް އިން ފަހު ބުނެފައިވަނީ އެ މުއްދަތު މިމަހުގެ 20 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޖަލު އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ މަހަކު 6050 ރުފިޔާ އެވެ. ނަމަވެސް ޕްރޮބޭޝަން މުއްދަތު ނިމުމާއެކު، ސާވިސް އެލަވަންސާއި އެހެނިހެން އެލަވަންސްތައް ހިމަނައިގެން މަހަކު 15،072 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ޖަލު އޮފިސަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތައުލީމީ ގާބިލުކަން ހުރުމާއެކު، ފިޒިކަލް ޓެސްޓުން ހޮވެން ޖެހެ އެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ ނުވަތަ އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ވެގެން ނުވާނެ އެވެ.