05 Dec 2011, 12:12
މޯލްޑިވްސް ނެޝެނަލް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ދަށުން ހިންގަމުން އައި ހުރިހާ މީޑިޔާ ސެންޓަރުތައް އުވާލައި އެ ތަންތަނުގައި ވަޒީފާއިން ވަކި ކުރިކަމުގެ ނޯޓިސް މުވައްޒަފުންނަށް ދިނުމަށް ފަހު، އިއްޔެ ހައިކޯޓުން ނެރުނު ވަގުތީ އަމުރާއެކު އަލުން އެ މުވައްޒަފުންނަށް ވަޒީފާ ދީފި އެވެ.
އަލަށް އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވަޑައިގެންނެވި އާދަމް ޝަރީފު މިއަދު ވިދާޅުވީ އަތޮޅުތަކުގެ މީޑިޔާ ސެންޓަރުތަކުގައި މަސައްކަތް ކުރަމުން އައި 14 މުވައްޒަފަކަށް ވަޒީފާއިން ވަކި ކުރި ކަމުގެ ނޯޓިސް ދިނުމަށް ފަހު އަލުން ވަޒީފާ ދީފައިވާ ކަމަށެވެ. ވަޒީފާ ދިން ނަމަވެސް އެ މީހުން މަސައްކަތަށް ނުކުންނަން ޖެހޭނީ ވެރިރަށް މާލޭގައި ހުންނަ އެމްއެންބީސީއަށް ކަމަށެވެ.
~
ވަޒީފާއިން ވަކި ކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިން ކަމަށް ބުނެ މިހާރު ސިޓީއެއް ވެސް ފޮނުވާފަ އެވެ. އިއްޔެގެ ތާރީހުގައި އޮތް ސިޓީގައި ބުނަނީ ކުރިން ނޮވެމްބަރު 24 ގައި ފޮނުވި މެމޯގައި ޑިސެމްބަރު މަހުން ފެށިގެން ވަޒީފާއިން ވަކިކުރިކަމަށް އެންގި އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ.
"... ތިޔަ މުވައްޒަފު ވަޒީފާ މެދުކެނޑުމެއްނެތި ދެމި އެބައޮތް ކަމަށާއި އަދި މިކުންފުނީގެ އެޓޯލް މީޑިއާ ސެންޓަރުތަކުގެ މަސައްކަތް ކުންފުނީގެ މާލީ ހާލަތުހުރި ގޮތުން ކުރިއަށް ގެންދެވެން ނެތުމާއެކު ހުއްޓާލާފައިވާތީ ތިޔަ މުވައްޒަފުން އަދާކުރައްވަމުންގެންދާ މިކުންފުނީގެ ވަޒީފާއަކީ މާލޭގައި އަދާކުރާ ވަޒީފާއެއްކަމުގައި 15 ޑިސެމްބަރުގައި ހަމަޖެއްސި ވާހަކަ އާއި އެ ތާރީހުގެ ކުރިން މާލެވަޑައިގެން މި ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ރިޕޯޓްކުރައްވައި، ކުންފުނިން އަންގާ ގޮތެއްގެ މަތިން މާލޭގައި ކުންފުނީގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ،" ސިޓީގައި ވެއެވެ. އެމްއެންބީސީން މިއަދު ބުނީ އެ ތާރީހުގައި މާލެ ނާންނަ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ވަޒީފާ ދިނީ އިއްޔެ އެމްއެންބީސީގެ މައްޗަށް ހައިކޯޓުން ނެރުނު ގުޅިގެން ކަމަށާއި އެމްއެންބީސީ އަކީ ކޯޓަށާއި ގާނޫނަށް ތަބާވާ ބައެއް ކަމަށާއި، ވަޒީފާ ދިނީ ކޯޓު އަމުރަށް ތަބާވުމަށެވެ. އާދަމް އެހެން ވިދާޅުވި ނަމަވެސް އެމްއެންބީސީގެ މައްޗަށް ދަށު ކޯޓްތަކުން ކޮށްފައިވާ ބައެއް ހުކުމް ތައް ވަނީ މިހާތަނަށް ތަންފީޒު ނުކޮށެވެ.
އޭނާ ވިދާޅުވީ އެޓޯލް މީޑިޔަ ސެންޓަރުތަކުގައި ތިއްބެވި މުވައްޒަފުން އަނބުރާ މާލެއަށް ގެނައުމަށް މަޖުބޫރުވީ އަތޮޅުތެރޭގައި ބައިތިއްބައިގެން މުވައްޒަފުން މަސައްކަތްކުރުވާނެ ވަރަށް މާލީ ހާލަތު ތަން ނުދިނުމާއި ކުންފުނީގައި އެވަރު ހައިބަތެއް ވެސް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ހައި ކޯޓުން ނެރުނު އަމުރުގައި އެ މުވައްޒަފުން މަސައްކަތްކުރާނީ މީޑިޔާ ސެންޓަރުގައިތޯ ނުވަތަ އެމްއެންބީސީ ވަން ގައިތޯ ރައްޖެ ރޭޑިޔޯގައިތޯ ބުނެފައި ނެތުމުން އެމްއެންބީސީގެ މާލޭގެ ސްޓޭޝަނުގައި އެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
"މީޑިޔާ ސެންޓަރުތަކުގެ އޮޕަރޭޝަން ހުއްޓާލާފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. ވަޒީފާ ދީފައި އެތަނުގައި މުވައްޒަފުން ބައިތިއްބޭކަށް ނެތް. ކުންފުނީގައި އެހާ ހައިބަތެއް ނެތް،" އާދަމް ވިދާޅުވި އެވެ.
މީޑިޔާ ސެންޓަރުގައި މަސައްކަތްކުރި މުވައްޒަފަކު ބުނީ އެމީހުން ވަޒީފާއިން ވަކިކުރުމަށްފަހު އިއްޔެގެ ކޯޓް އަމުރުގައިވާ ގޮތަށް ވަޒީފާ ދޭންޖެހޭނީ މާލެއިންކަމަށް ގަބޫލު ނުކުރާ ކަމަށާއި، އަތޮޅުތަކުގެ މިޑީޔާ ސެންޓަރުތަކުން ވަޒީފާދޭން ޖެހޭނެ ކަމަށެވެ. އަދި އެހާ ކުރުމުއްދަތެއްގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް އަންގާފައިވާއިރު މާލެ ދާނެ ހަރަދެއް ވެސް ކުންފުނިން ނުދޭ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެންނަކީ އަތޮޅުތަކުގައި ވަޒީފާ އަދަކުރަމުން އައި ބައެއް. ވަޒީފާއިން ވަކިކުރުމަށްފަހު ކުއްލިއަކަށް މާލެއިން ވަޒީފާ ދިނުމުން މާލެއަށް ކިހިނެއްތޯ ދިރިއުޅުން ބަދަލު ކުރަނީ. އަދި މާލެ އަންނަން ބުނިއިރު ދަތުރުފަތުރު ހަމަޖައްސަން ވެސް މިޖެހެނީ އަމިއްލައަށް،" މުވައްޒަފަކު ބުންޏެވެ. އޭނާ ބުނީ އެ މުއްދަތުގެތެރޭގައި ޗުއްޓީ ވެސް ނުނެގޭނެ ކަމަށް ވެސް ފޮނުވި ސިޓީގައި ބުނެފައި އޮތް ކަމަށެވެ.
ނަމަވެސް އާދަމް ވިދާޅުވީ ޗުއްޓީގެ ވާހަކަ ސީޓިގައި ނޯންނާނެ ކަމަށެވެ. ސަން އޮންލައިނަށް ކޮޕީލިބިފައިވާ ސިޓިގައި ބުނެފައިވަނީ "ކުރިން ޕްލޭންކޮށް އެޗްއާރަށް ހުށައަޅާފައިވާ ޗުއްޓީއެއް ފިޔަވާ މަތީގައި ދެންނެވިފައިވާ 15 ޑިސެމްބަރުގެ ކުރިން ޗުއްޓީ ހަމަޖައްސަވައިދެވެން ނެތް" ކަމަށެވެ.
ކުރީގެ ދިވެހިރާއްޖޭގެ އަޑުން މީޑިޔާ ސެންޓަރުތައް ގާއިމްކޮށްފައި ވަނީ ހއ ދިއްދޫގަ އާއި ހދ. ކުޅުދުއްފުއްޓާއި، ބ. އޭދަފުއްޓާއި، ގއ. ވިލިނގިއްޔާއި، ގދ. ތިނަދޫ އާއި ޏ ފުވައްމުލަކާއި އައްޑޫ ސިޓީގެ ހިތަދޫގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ވެސް މީޑޔާ ސެންޓަރުތަކުން ނޯޓިސް ދިނުމަށްފަހު މުވައްޒަފުންތަކެއް ވަކިކުރި އެވެ.
ކުރީގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑާއި ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އެމްއެންބީސީން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ އާއި މެދު އެ ކޯޓުން ވަކިގޮތެއް ނިންމަންދެން ހައިކޯޓުގެ ހުކުމުގެ މަގުސަދު ހާސިލް ނުކުރެވޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ކޯޓުންވަނީ އިއްޔެ އަމުރު ނެރެފަ އެވެ.
އެ އަމުރު ނެރެފައިވަނީ ދައުލަތާއި އެމްއެންބީސީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ މައްޗަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: