އުތުރު ރަށެއްގައި ފިރިހެނަކު އޭނާގެ އަނބިމީހާއާ މެދު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން، ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ އުތުރުގެ ރަށެއްގައި އަންހެނަކާ މެދު ފިރިމީހާ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއްގެ މައުލޫމާތު ރޭގެ 10:34 ހާއިރު އުތުރު ޑިވިޝަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގެ ސަބަބުން އަންހެން މީހާއަށް އަނިޔާވެ ފަރުވާ ދިނުމަށް ރަށުގެ ސިއްހީ މަރުކަޒަން ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަންހެންމީހާއަށް ލިބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށާއި މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ.

އަންހެން މީހާއަށް ފަރުވާ ދިނުމަށް މަރުކަޒަށް ދިޔުމުން ރަށުގެ ބައެއް މީހުން ވަނީ މަރުކަޒު ސަރަހައްދަށް އެއްވެފައި ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އެމީހުންނާ ވާހަކަ ދެއްކުމަށްފަހު ފޮނުވާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.