05 Dec 2011, 11:21
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ކޯރެއްގެ ތެރެއަށް ވެއްޓި ނުގޮވައި އޮތް ބޮޑު ބޮމެއް އިއްޔެ ނައްތާލައިފި އެވެ.
ޖަރުމަނުގެ ރައިން ނަމަކަށް ކިޔާ ކޯރުގެ ތެރެއިން ފެނުނު އެ ބޮމަކީ އިނގިރޭސިވިލާތުގައި އުފައްދަވާފައިވާ ބޮމެއް ކަމަށް އެ ގައުމުގެ މާހިރުންނާ ހަވާލާދީ އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ބުންޏެވެ.
ބޮން ނައްތާލުމަށްޓަކައި ބޮމާ ބެހޭ މާހިރުން ވަނީ އެ ބޮމުގެ ވަށައިގެން 1.1 މޭލުގެ ސަރަހައްދެއްގައި ތިބި ހުރިހާ އެންމެން ދުރަށް ގެންގޮސްފަ އެވެ. އެގޮތުން ބޮން ނުގޮވާ ގޮތަށް ހެދެން ދެން 45،000 މީހުން ވަނީ އެހެން ހިސާބުތަކަށް ގެންގޮސްފަ އެވެ.
ބޮން ނުގޮވާ ގޮތަށް ހެދުމުގެ މަސައްކަތް ކުރުމުގެ ގޮތުން މީހުން ހުސްކުރި އިމާރާތްތަކުގެ ތެރޭގައި ހޮސްޕިޓަލަކާއި ޖަލެއް ވެސް ހިމެނެ އެވެ.
ޖަރުމަނުގެ ކޮބްލެންޒް ސިޓީގެ ތެރެއިން ފެނުނު މި ބޮމަކީ އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ މަތިންދާ ބޯޓަކުން ވައްޓާލާފައިވާ "އޭރިއަލް މައިން" ނަމަކަށް ކިޔާ ބޮމެކެވެ.
ބަރުދަނުގައި 1.8 ޓަނުގެ ހުރި މި ބޮން ނައްތާލުމަށްޓަކައި ބޮން އޮތް ސަރަހައްދުން މީހުން ދުރަށްލުމަށް ހިންގި ހަރަކާތަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޖަރުމަނުގައި ހިންގި މިފަދަ އެންމެ ބޮޑު ހަރަކާތެވެ.
ދެ ވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ވައްޓާލާފައިވާ އެ ބޮން ފެނުނީ ރައިން ކޯރުގެ ފެންގަނޑު އަޑިވުމާ ގުޅިގެންނެވެ.
ޖަރުމަނުގެ ބޮމާ ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި އެ ބޮން ނުގޮވާގޮތް ހެދުމުގެ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ނަމަވެސް އެމީހުން ވަނީ ކާމިޔާބުކަމާ އެކު ބޮން ނައްތާލާފަ އެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީން ޕޮލެންޑަށާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ އާއްމުން އުޅޭ ހިސާބުތަކަށް ބޮން އެޅުމާ ގުޅިގެން ގުޅިފައިވާ ބާރުތަކުން ޖަރުމަނަށް 1.9 މިލިޔަން ޓަނުގެ ބޮން އެޅިއެވެ. އަދި އެކަމުގެ ސަބަބުން 500،000 މީހުން މަރުވިއެވެ.
ކޮބްލެންޒްގެ ތެރެއިން ދުވެފައިވާ ރައިންކޯރާއި މޯސެލް ކޯރަކީ 1944 ވަނަ އަހަރާއި 1945 ވަނަ އަހަރު ގުޅިފައިވާ ބާރުތަކުގެ އެންމެ މުހިއްމު އެއް އަމާޒުފަތްގަނޑަށް ހެދިއެވެ. އަދި އެކަމުގެ ސަބަބުން އެރަށް މުޅިން ސުންނާފަތިވި އެވެ.