ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ބޭއްވި ޕްރައިމަރީގައި ކ. އަތޮޅު ކައުންސިލްގެ ރައީސްގެ ޕްރައިމަރީ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް ކާމިޔާބް ކުރައްވައިފި އެވެ.

ކ. އަތޮޅު ކައުންސިލް ރައީސްގެ ޕްރައިމަރީ ނިމާލް ކާމިޔާބް ކޮށްފައިވަނީ މިހާރު އެ ކައުންސިލްގެ ރައީސް އިބްރާހިމް ރައޫފްއާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.

އެގޮތުން މިހާތަނަށް ގުނި ފޮށިތަކުން ނިމާލަށް ވަނީ 950 ވޯޓް ލިބިފަ އެވެ. ރައޫފަށް ލިބިވަޑައިގަތީ 140 ވޯޓެވެ. ނިމާލް ވަނީ ކ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ބޮޑު ތަފާތަކުން ރައޫފުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީ މިއަދު ވަނީ ހަތް އަތޮޅެއްގައި ބާއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިތުރުން 65 ރަށު ކައުންސިލެވެ.