ނ. ލަނދޫގައި ހަފުތާއެއް ވަންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދާތާ ހަފުތާ އެއް ފަހުން ހުރިހާ ގެއަކުން މިއަދު ކަރަންޓް ކެނޑިއްޖެ އެވެ.

ލަންދޫ ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ އަމްޖަދު މިއަދު ވިދާޅުވީ އެ ރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން ދާތާ ހަފުތާއެއްވެފައިވާ ކަމަށާއި މިއަދު ހެނދުނު މުޅިރަށުން ކަރަންޓްގެ ޚިދުމަތް ކެނޑި އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ފެންވަރާ ފާހަނާ ކުރުމާއި ކެއްކުމުގައި ލަންދޫ މީހުންނަށް ވަނީ އުނދަގޫ ވެފައެވެ.

ލަންދޫގައި 900 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެ އެވެ.

"މިހާރު ހަފްތާއެއް ވެއްޖެ މުޅިރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން ދާތާ. އެންމެ ފަހުން މިއަދު މުޅި ރަށުން ކަރަންޓް ދިޔައީ،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފްތާ ފެށުމުގެ ކުރިން އެރަށަށް ކަރަންޓް ދެމުން ދިޔައީ 2000 ވަނަ އަހަރުން ފެށިގްން ބޭނުންކުރަމުން އައި 48 ކިލޯ ވޯޓުގެ ޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް އެ ޖަނެރޭޓަރު ހަލާކުވެ، އެ އަތޮޅު މާޅެންދޫ އިން 48 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ގެނެސްގެން މިދިޔަ ހަފުތާއިން ފެށިގެން ކަރަންޓް ދެމުން ދަނިކޮށް ރޭ އެ ޖަނެރޭޓަރު ވެސް ހަލާކުވެފައިވާ ކަމަށެވެ.

ނޮދަން ޔުޓިލިޓީޒްގެ ދަށުން ހިންގަމުންދާ ލަނދޫ އިންޖީނުގެއިން ވާހަކަދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ މާޅެންދޫން ގެންދިޔަ ޖަނެރޭޓަރު ހަލާކުވުމުން އިންޖީނުގޭގައި ހުރި 52 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް މަރާމާތުކޮށްގެން މިއަދު ކަރަންޓް ދޭންފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެ ޖަނެރޭޓަރު ވެސް ހަލާކުވެ، މުޅި ރަށް "ނިވި"ފައިވާ ކަމަށެވެ.

"މާޅެންދޫ އިން ގެނައި ޖަނެރޭޓަރު ރޭ ހަލާކުވުމުން އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއް މަރާމާތުކޮށްގެން މިއަދު ކަރަންޓް ދޭން ފެށީ. އެއިން ކަރަންޓް ދޭން ފެށިތާ އިރުކޮޅެއް ތެރޭގައި ޖަނެރޭޓަރު ވެސް ހަލާކުވެ، މިހާރު މިރަށަކު ކަރަންޓެއް ނެތް،" އިންޖީނުގޭގެ އޮފިޝަލު ވިދާޅުވިއެވެ.