07 Feb 2020, 17:30
ކ. މާފުށީގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ޓީމުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރިޕޯޓު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ.
އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން ބިކިނީގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފައެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަންހެން ފަތުރުވެރިޔާ އާމެދު ފުލުހުން އަމަލުކުރި ގޮތަށް ފަތުރުވެރިއާގެ އިތުރުން އާންމުންގެ ފަރާތުން ވެސް މައާފަށް އެދިފައެވެ.
އަދި މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފަތުރުވެރިޔާ އާއި އޭނާގެ އާއިލާގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ދޭ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ޓީމެއް މާފުށްޓަށް ގޮސް ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި ދެ ދުވަހުގެ ތެރޭގައި ހޯދުންތައް ސީޕީއަށް ރިޕޯޓުކުރާނެ ކަމަށެވެ.
ފުލުހުން ބުނީ ދިވެހި ރައްޔިތުންނާ އެއްފަދައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ.
އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް، އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި އުޅޭއިރު ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.