07 Feb 2020, 16:37
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 14:30 ގައެވެ. ދިމާވި އިދާރީ ކަންކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ވޯޓުލުން ފެށުން ލަސްވި ނަމަވެސް، ޕީޕީއެމްއިން ބުނީ ކުޅުދުއްފުށީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި މިހާރު ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
ހަތް އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތުން ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. ޕީޕީއެމްއިން ބުނީ ޕްރައިމަރީ ބާއްވަނީ 66 މަގާމަށް ކަމަށެވެ.
ޕްރައިމަރީގެ ވޯޓުލުން ފެށުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަރަށް ސުލްހަވެރިކަމާ އަމާންކަމާއެކު ޕްރައިމަރީ ކުރިއަށް ގެންގޮސް ނިންމާލަ ދިނުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި އެހެން ޕާޓީތަކަށް ނަމޫނާ ދައްކައި، ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީކަން ސާބިތުކޮށްދިނުމަށް އެދިވަޑައިގަތެވެ.
"މިއަދު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެހެން ޕާޓީތަކަށް ނަމޫނާއަކަށް ހައްދަވައިދެއްވާށޭ. ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ދައްކަވައި ޕީޕީއެމް އަކީ މި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީކަން މިއަދު ސާބިތުކޮށްދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުބާރުގޭގެ ދެ މާލަމެއްގައެވެ. މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ދަރުބާރުގޭގައި ކިޔޫގައި ޖެހިފައިވެއެވެ. އަދުރޭ ވިދާޅުވީ ވޯޓުލާން ނުކުތް އަދަދާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރަނީ ގައުމީ މަސައްކަތެއް ކަން ގަބޫލުކުރައްވަން ވާނެ. އަދި ހަމައެއާއެކު އަޅުގަނޑުމެންނަކީ ސުލްހައަށް ލޯބިކުރާ ގައުމުގެ ހަމަޖެހުމަށް ލޯބިކުރާ ބައެއްކަން މި ޕްރައިމަރީން ހާމަކޮށްދޭން ވާނެ،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕްރައިމަރީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ކާމިޔާބު ސިޔާސީ ހަރަކާތަށް ވެގެންދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ސިޓީތަކަށް ޖުމްލަ 1،146 ކެންޑިޑޭޓުން ވަނީ އެ ޕާޓީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައެވެ.
ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވި ބޭފުޅުންނާއި ވޯޓު ލެވޭ މީހުންގެ އަދަދު އެޕާޓީން ފަހުން އިއުލާން ކުރާނެކަމަށް ވަނީ ބުނެފައެވެ. އެންމެ ބޮޑު ދެ ސިޓީ، މާލެ ސިޓީ އަދި އައްޑޫ ސިޓީއަށް ޕީޕީއެމް ޕްރައިމަރީ ނުބާއްވައެވެ.
ޕީޕީއެމްގެ ޕްރައިމަރީ ފެށިގެން ކުރިއަށްދާއިރު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ. އެމްޑީޕީން ބާތިލް ކުރި ގއ. އަތޮޅުގެ ޕްރައިމަރީއާއި އަލުން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ވޯޓުލުން މިއަދު ކުރިއަށް ދާނެއެވެ.
ދެ ޕާޓީން ޕްރައިމަރީގެ ކަންކަން ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީންވެސް ވަނީ އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 12 ގައެވެ.