ރައީސުލް ޖުމުހުރިއްޔާ މުހައްމަދު ނަޝީދު ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގައި އަށް ލައްކަ ރުފިޔާގެ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ވިދާޅުވިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް މިނިސްޓަރާ ސުވާލު ކުރެއްވުމުގެ ފުރުސަތުގައި މެންބަރަކު ސުވާލު ކުރިމަތި ކުރެއްވެވީ ބުރުނީގައި އެފަދަ ވާހަކެއް ރައީސް ދެއްކެވިތޯ އާއި ރައީސް އޮފީހުން އެ ވާހަކަ ދެއްކެވިތޯ މިނސްޓަރު ސާފްކުރެއްވިންތޯ އެވެ. އެ ސުވާލު ކުރެއްވެވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
~
އޭނާ ވިދާޅުވީ ވިދާޅުވީ ރައީސް ނަޝީދު ތ. ބުރުންޏަށް ވަޑައިގެން 28 ޖެނުއަރީ 2009 ގައި ބުރުނީގައި ދެއްކެވި ވާހަކަފުޅުގައި އެ ރަށުގައި އަށްލައްކަ ރުފިޔާގެ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މިނިސްޓަރު، ޑީޑީ ވިދާޅުވީ ބުރުންޏަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އަށް ލައްކަ ރުފިޔާގެ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެ މައުލުމާތު ލިބިވަޑައިގެންފައި ނުވަނީ އެފަދަ ވާހަކަފުޅެއް ދައްކަވާފައި ނެތުމުން ކަމަށެވެ.

"އަޅުގަޑު އެ މައުލުމާތު ހޯދަން މަސައްކަތް ކުރިން. އެ މައުލޫމާތު ރައީސް އޮފީހުން ލިބިފައިނެތީމަ އެއީ ހިނގާފައި ނެތް ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ އާންމުކޮށް ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ދައްކަވާ ވާހަކަފުޅުތަކަކީ ގައުމީ ތަރައްގީއާބެހޭ އޮނިގަނޑުތަކުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެއްވުމަށް ދައްކަވާ ވާހަކަ ފުޅުތައް ކަމަށެވެ. އެފަދަ ވާހަކަތައް ރައީސް ވިދާޅުވުމުން އެކަމާއި ގުޅޭ މައުލޫމާތު ރައީސް އޮފީހުން އަންގަވާ ކަމަށެވެ. އަދި ރައީސް އޮފީހުން އެފަދަ ވާހަކަތައް އެންގުމުން މިނސްޓްރީން އެކަން ތަންފީޒް ކުރާ ކަމަށާއި ނަމަވެސް ބުރުނީގައި ހިންގާ އެފަދަ މަޝްރޫއެއް ރައީސް އޮފީހުން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ.

މިނސްޓަރު ވިދާޅުވީ ގައުމީ ތަރައްގީގެ އޮނިގަޑުގެ ދަށުން ބުރުނީގައި ދަނޑުވެރިކަމުގެ މަޝްރޫއުތައް ރޭވުމާއި ގުޅޭގޮތުން ޓްރެއިންގް ޕްރޮގްރާމްތައް މީގެ ކުރިން ކުރިއަށް ގެންދިޔަ ކަމަށާއި މިއަދާ ހަމައަށް އައިއިރު ވެސް ބުރުނީ ރައްޔިތުން އެ ޕްރޮޖެކްޓުގެ ވާހަކަ މިނިސްޓްރިއަށް ހުށައަޅާފައި ނުވާ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Dr. Ibrahim Didi (mp3)