22 Jun 2010, 10:41
14:30
ގައުމީ ޔުނިވާސިޓީގެ ބައެއްގެ ގޮތުގައި ކުއްލިއްޔާ ނުހިމެނުމަށާއި، ހަޔާ އެޑިއުކޭޝަންގެ ދަށަށް ކުއްލިއްޔާ ގެންދިއުމަށް ސަރުކާރުން ނެރެފައިވާ ގަރާރުތައް ބާތިލްކޮށް، ކުރީގެ ހާލަތަށް ކުއްލިއްޔާ ގެންނަންޖެހޭނެ ކަމަށް ގައުމީ ޔުނިވާސިޓިގެ ބިލަށް އިސްލާހް ހުށަހެޅުމުން މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓިގެ ބިލް ދިރާސާކުރި ކޮމިޓީން އެބިލު މަޖިލީހަށް ހުށަހެޅުއްވުމުން، މިއަދުގެ ޖަލްސާގެ ރިޔާސަތުން، ބިލަށް އިސްލާހް ހުށަހެޅުއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އަކީ ކޮލެޖްގެ ބައެއްގެ ގޮތުގައި ހަމަނުޖެއްސުމަށާއި، އެތަން ޔުނިވާސިޓީގެ ފެންވަރަށް ދަންދެން ކުރީއޮތް ހާލަތުގައި އެތަން ކުރިއަށް ގެންދިއުމަށް، ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ހުށަހެޅުއްވި އެވެ.
ނަމަވެސް މި އިސްލާހާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ކުއްލިއްޔާ ކިޔާ ތަނެއް މިހާރު ނުހުންނާނެ ކަމަށާއި، ޑރ. އަފްރާޝީމްގެ އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް ވޯޓަށް ނޭހޭނެ ކަމަށް ވެސް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.
މި މައްސަލައިގައި، މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި މަޖިލީހުގެ ތަޅުން ހޫނުވެގެންދިޔަ އެވެ. އަދި އެ އިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށް، ޑީއާރުޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެ އިސްލާހް ނުހިމެނޭނަމަ މަޖިލީހުގެ ތަޅުމުން ބިލު ބޭރުކުރުމަށް ވެސް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވަނީ ގޮވާލައްވައިފަ އެވެ.