ނިއުދިއްލީން: މުހައްމަދު ޝާން

ސާފް ޗެމްޕިއަންޝިޕްގެ ދެ ވަނަ މެޗުގައި ޕާކިސްތާނާ ކުޅެ ލަނޑެއް ނުޖެހި، މޮޅު ނުވެދިއުމަކީ މާބޮޑު މައްސަލައެއް ނޫންކަމަށް ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ބުނެފި އެވެ.

އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކެޕްޓަން ދަނގަޑޭ ބުނީ، އަދިވެސް ކުރިޔަށް މެޗެއް އެބޮތް ކަމަށާއި މަސައްކަތްކޮށް، އެ މެޗުން މޮޅުވެއްޖެ ނަމަ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އެބޮތް ކަމަށެވެ.

ކޯޗް އުރުުބާނީ ބުނީ، ނޭޕާލް މެޗާ ހިލާފަށް ޕާކިސްތާން މެޗުގައި ރާއްޖެއަށް މޮޅަށް ކުޅެވުނު ކަމަށާއި އެކަމަކު މެޗްގެ ލީޑް ރާއްޖެއަށް ނުލިބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ.

އިއްޔެ ރާއްޖެއަށް ގޯލްޖަހަން ލިބުނު ފުރުސަތު ތަކަށްބަލާއިރު، މެޗްގެ އަށް ވަނަ މިނެޓުގައި އަހުމަދު ތޯރިގް (ޓޮމް)އަށް ލިބުނު ފުރުސަތާއި މެޗްގެ 25 ވަނަ މިނެޓުގައި ޝަންވީލް ޤާސިމް (ބޮންޑާ) އަށް ލިބުނު ފުރުސަތުގެ އިތުރުން ކެޕްޓަން ދަނގަދޭއަށް ދެ ވަނަ ހާފުގައި ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

ޕާކިސްތާން އަތުން މޮޅ ުނުވެ، މިއަދުގެ މެޗް ރާއްޖެ ނިންމާލަން ޖެހުނު ނަމަވެސް، ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗްގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ރާއްޖޭ ގަޑިން 5:30 ގައި ބައްދަލުކުރާނީ ބަންގްލަދޭހާ އެވެ. އެ ދުވަހުގެ މެޗް ރާއްޖެއަށް ކާމިޔާބު ކުރަން މަޖުބޫރު ކަމުގައި ޓީމްގެ ކޯޗް އުރުބާނީގެ އިތުރުން، ކެޕްޓަން ދަނގަދޭ ނޫސްކޮންފަރެސްގައި ބުންޏެވެ. ބަންގްލަދޭޝްއަތުން ރައްޖެ ބަލިވެއްޖެ ނަމަ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެއެވެ.