07 Feb 2020, 11:27
ފިލްމު އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސް ނުވަތަ އެކެޑެމީ އެވޯޑްސް ދައްކާ ދުވަސް ގާތްވަނީ އެވެ. އެއާއެކު އެތައް ބަޔަކު މަސައްކަތް ކުރަމުންދަނީ އެވޯޑަށް ނޯމިނޭޓްވެފައިވާ ފަރާތްތަކާއި ފިލްމުތަކުގެ ތެރެއިން މިއަހަރު އެވޯޑު ލިބޭނެ ފަރާތްތައް ދިމާކުރާށެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިފަހަރުގެ އެވޯޑު ހައްގުވަނީ ކޮން ފިލްމުތަކަށް އަދި ކޮން ފަރާތްތަކަކަށް ހެއްޔެވެ؟
މިއަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 92 ވަނަ އެކެޑެމީ އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑަކީ "ބެސްޓް ޕިކްޗާ" އެވޯޑެވެ. އެގޮތުން މިއަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައިވަނީ "1917" އާއި "ފޯޑް ވާސަސް ފެރާރީ" އާއި "ޖޯކަރ" އާއި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަދި "ޕެރަސައިޓް"އެވެ.
އޮންލައިން ޕޯލްތަކާއި ކްރިޓީކުންގެ ހިޔާލުތަކަށް ބަލާގޮތުގައި އެންމެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި މިއަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބޭނީ "1917"އަށެވެ. މިއަހަރު ނެރުނު އެ ފިލްމަކީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމު ޝޫޓުކޮށްފައިވާ ގޮތުން އެ ފިލްމު ސިފަ ވަނީ އެއް ޝޮޓުން ނަގާފައިވާ ފިލްމެއް ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބޭނެ ކަމަށް ބެލެވޭ ވާކީން ފީނިކްސް އާއި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބޭނެ ކަމަށް ބެލެވޭ ރެނޭ ޒެލްވެގާ ---
އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް
މިއަހަރުގެ މިހާތަނަށް ބޭއްވި ބޮޑެތި އެވޯޑު ހަފްލާ ކަމަށްވާ ގޯލްޑެން ގްލޯބްސް އާއި ބާފްޓާ އެވޯޑްސް އަދި ސެގް އެވޯޑްސްގައިވެސް އެންމެ މޮޅު އެކްޓަރުންގެ އެވޯޑުގެ އެންމެ ކުރީގައި އުޅެފައިވަނީ އެއް ފަންނާނުންތަކެކެވެ. އެއީ "ޖޯކަރ"އިން ވާކީން ފީނިކްސްއާއި "ޖޫޑީ" އިން ރެނޭ ޒެލްވެގާއެވެ.
ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އޮސްކާސް އެވޯޑުގައިވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވާކީން އަށް ލިބޭ އިރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބޭނީ ރެނޭ ޒެލްވެގާ އަށެވެ. ނަމަވެސް އެ ދެ އެވޯޑާ މެދު އިތުރު ހިޔާލު ތަފާތުވުންތަކެއް އެބަ އުޅެއެވެ. އެއްބައި ފަރާތްތަކުން ބުނާގޮތުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހައްގުވަނީ "ޕެއިން އެންޑް ގްލޯރީ"އިން އެންޓޯނިއޯ ބެންޑެރާސް އަށެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހައްގުވަނީ "ލިޓްލް ވިމެން" އިން ސާޝީ ރޯނަން އަށެވެ.
އިތުރު އެވޯޑުތައް ލިބޭނެކަމަށް ލަފާކުރެވޭ:
އެންމެ މޮޅު ސަަޕޯޓިން އެކްޓްރެސް – ލޯރާ ޑާން (މެރިޖް ސްޓޯރީ)
އެންމެ މޮޅު އެޑެޕްޓެޑް ސްކްރީންޕްލޭ – ޖޯޖޯ ރެބިޓް
އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ – ޕެރަސައިޓް
އެންމެ މޮޅު އެނިމޭޓެޑް ފިލްމު – ޓޯއި ސްޓޯރީ 4
އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާ – އެމެރިކަން ފެކްޓްރީ
އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ – ޕެރަސައިޓް
އެންމެ މޮޅު ސިނެމެޓޮގްރަފީ – 1917
އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން – ލިޓްލް ވިމެން
އެންމެ މޮޅު މޭކަޕް - ބޮމްބްޝެލް