07 Feb 2020, 00:44
އިރުއޮއްސުނުއިރު ފުރި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:33 ގައެވެ.
އެމެންޑީއެފް އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދު އިރުއޮއްސި 6:45 ހާއިރު ހަތަރު ދިވެހިންނާއެކު ދަތުުރުކުރަމުން ދިޔަ "މިހޯ ޕެލެސް" ނަމަކަށް ކިޔާ ލޯންޗެއް ފުރިފަހުން ހަބަރެއް ނުވެގެން އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ލޯންޗު ފުރީ ގދ. ފިޔޯރީ އިން އައްޑޫ ސިޓީއަށް ދަތުރު ކުރުމަށެވެ.
އާޒިމް ވިދާޅުވީ، އެ ލޯންޗު ހޯދުމުގެ މަސައްކަތް ސަދާން އޭރިއާ ކޯސްޓް ގާޑް ސްކޯޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މިރޭ 12:05 އެހައިކަންހާއިރު އެ ލޯންޗަށް ގުޅުނު ކަމަށާއި ނަމަވެސް ފަހުން ރޭންޖް ކެނޑިފައިވާ ކަމަށެވެ. އަދި ދެއްކި ވާހަކައެއްވެސް ސާފު ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.