ބޭސް ފަރުވާއަށް އިންޑިޔާއަށް ދިޔަ ނުރައްކާތެރި ކުށްވެރިޔާ، މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) ހަތް މަހަށް ފަހު މާލެ އައިސްފި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ގައްބަރޭ ރާއްޖެ އައިސްފައި ވަނީ މިދިއަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގައްބަރޭ ރާއްޖެ އައިސް އުޅެމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި އޭނާ ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައްބަރޭ މާލެއިން ފުރައިގެން ދިޔައީ މިއަހަރުގެ އޭޕްރީލް 25 ގައެވެ. މީހަކު ކަތިވަޅިއަކުން ޖަހައި ވަރަށް ބޮޑަށް އޭނާގެ ބޯ ޒަޚަމްކޮށްލުމުން ބޭސްފަރުވާއަށް އޭނާ ފުރައިގެން އިންޑިޔާއަށް ދިޔައީ ފުލުހުންގެ ހުއްދަޔާއިއެކު އެވެ.

އިންޑިޔާގައި ހުއްޓާ ގައްބަރޭ ވަނީ ޓްރިވެންޑްރަމްގައި ވެސް ޖަލަށްލާފައި ވެއެވެ.

ގައްބަރޭ އަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު 2007 ވަނަ އަހަރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުޑަކުދިންގެ ކޯޓުގައި އުފުލައިފައެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މިދިޔަ އަހަރު ކުޑަކުދިންގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.