06 Feb 2020, 16:47
ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތަކަށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ ދިރާގު ޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެލައިޑްގެ އެޕްލިކޭޝަނާއި އެލައިޑުގެ ވެބްސައިޓް އަދިޓްރެވަލާސް.އެމްވީވެބްސައިޓުން އެލައިޑުގެ ހުރިހާ އިންޝުއަރެންސް ޕޮލިސީތައް ގަނެވޭނެ ކަމަށެވެ.
މީގެ އިތުރުން އެލައިޑްގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން 'ކިއުއާރު ކޯޑް' ނުވަތަ އެލައިޑްގެ މާޗަންޓް އައިޑީ ޖެހުމަށްފަހު ދިރާގު ޕޭގެ އެޕްލިކޭޝަން މެދެވެރިކޮށް ލައިފް އިންޝުއަރެންސް ފިޔަވާ އެހެން ހުރިހާ ޕޮލިސީތަކަށް ވެސް ފައިސާ ދެއްކޭނެ އެވެ.
ދިރާގު ޕޭއަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.
ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކީ ބާޒާރު ކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.
ދިރާގު ޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 270 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މާޗެންޓުން މެދުވެރިކޮށް ހިދުމަތް ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ވެސް ދެއެވެ.