06 Feb 2020, 17:04
ހުޅުމާލޭގައި ލައިސެންސް ނެތް ދެ މީހަކު ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓް ވެއްޖެއެެވެ.
ފުލުހުން ބުނީ ހުޅުމާލޭ ރަބަރުގަސް މަގުގައި މިއަދު މެންދުރުފަހު 13:45 ހާއިރު ދެ ސައިކަލު ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލު ދުއްވަން ހުރި ދެ މީހުން އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
"އެއް ސައިކަލު ދުއްވަން ހުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް. އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް. އަނެއް ސައިކަލު ދުއްވަން ހުރީ ވެސް 25 އަހަރުގެ ދިވެހި ފިރިހެނެއް. އޭނާއަކީ ޓްރެފިކް މައްސަލައެއްގައި މީގެ ކުރިން ލައިސެންސް ހިފަހައްޓާފައިވާ މީހެއް." ފުލުހުން ބުނެފައިވެ އެވެ.
ދެވަނަ ސައިކަލުގެ ފަހަތުގައި އިތުރު މީހެއް ވެސް ހުރި ކަމަށާއި އެ އެކްސިޑެންޓްގައި އެ ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދިނުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.