06 Feb 2020, 17:24
ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ހެކިން ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭނަމަ، ޝަރީއަތުގެ އެއް އަޑުއެހުން ބާއްވައި ހެކިބަސްނަގައި، ހުލާސާ ބަޔާން އިއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ލިބޭ ކޮންމެ މީހެއްގެ މައްސަލައެއް ވެސް އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތްކޮށް، މައްސަލަ ނިންމުމަށް ކްރިމިނަލް ކޯޓުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ "މެދު ނުކެނޑި ޝަރީއަތްކޮށް ނިންމުން" ނުވަތަ ކޮންޓިނުއަސް ހިއަރިންގެ މަފްހޫމުގެ ދަށުން، މައްސަލަތައް އިތުރަށް އަވަސްކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.
މެދުނުކެނޑި ޝަރީއަތްކޮށް ނިންމުމަކީ މިހާރުވެސް ކްރިމިނަލް ކޯޓުން ބަލާ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތެވެ. އެގޮތުން، މައްސަލައިގެ ޝަރީއަތުގެ ދެ އަޑުއެހުމުގެ ދޭތެރޭގައި މާގިނަ މުއްދަތެއް ހޭދަނުވާނެ ފަދައިން، ތާވަލު އެކުލަވާލައި އަޑުއެހުންތައް ކުރިއަށް ގެންދެވެއެވެ.
ހަމައެއާއެކު މައްސަލަތައް އަދިވެސް އިތުރަށް އަވަސްކޮށް ނިންމުމަކީ ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތަށް އަދި މުޅި މުޖުތަމައުއަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަކަށް ވާތީ، މެދު ނުކެނޑި ޝަރީއަތްކޮށް ނިންމުން އިތުރަށް ތަރައްގީކޮށް އެކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.
އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށްފަހު މެދުކެނޑުމެއްނެތި އެ ޝަރީއަތްކޮށް ނިންމުމަށް މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް އިބްތިދާއީ އަޑުއެހުމަށްފަހު، ދައުވާލިބޭ ފަރާތާއި ދައުވާކުރާ ފަރާތާ މަޝްވަރާކޮށް، ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތަކުގެ ތާވަލެއް އެކުލަވާލުމުގެ އިތުރުން، ދައުވާގެ ދެ ޚަސްމުން އެއްބަސްވާނަމަ، އަދި ދެ ފަރާތުން ވެސް ހެކިން ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭނަމަ، ޝަރީއަތުގެ އެއް އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ލިބޭ ފަރާތާ ލިޔެކިޔުންތައް ހަވާލުކުރުމަށްފަހު، މައްސަލާގައި އިފްތިތާހީ އަޑުއެހުމެއް ބާއްވައި، ދައުވާ ލިބޭ ފަރާތުން ދައުވާ އާމެދު ޖަވާބުދާރީވާ ގޮތަކަށް ބަލައި، ދައުވާއަށް އިއުތިރާފުވާ މައްސަލަތައް އަވަސް ނިޔާއަށް ފޮނުވައި، ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އިއުތިރާފު މައްސަލަތައް ހުކުމްކޮށް ނިންމޭނެ ކަމަށް ކޯޓުން ބުންޏެވެ.
އަދި ދައުވާއަށް އިންކާރުކުރާ މައްސަލަތަކުގައި، ދައުވާގެ ދެފަރާތަށްވެސް ހެކިން ހާމަކުރުމަށް ފުރުސަތު ދިނުމަށްފަހު، ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލައި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގާޒީ ގޮތެއް ނިންމަވާނެއެވެ.
އެއަށްފަހު ދެފަރާތުން އެއްބަސްވާނަމަ ހެކިންގެ ހެކިބަސް ނެގުން އެއް ދުވަހެއްގައި މެދު ނުކެނޑި ކުރިއަށް ގެންދާ އެއް އަދުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދާނެއެވެ.
އެގޮތުން އެންމެ ފުރަތަމަ އޮންނާނީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. އެއަށްފަހު ހަމަ އެ ދުވަހު ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށާއި އެއް ދުވަހެއްގައި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނުނިމިއްޖެނަމަ ޖެހިގެން އަންނަ ދުވަހު ވެސް ހެކިބަސް ނެގުން ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އަދިި ހެކިބަސް ނަގައި ނިމުމާ އެކު، ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ، އެ ދުވަހު ހުލާސާ ބަޔާން ހުށަހަޅައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލެވޭނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ މިގޮތަށް ކުރިއަށް ގެންދިއުމުން ޝަރީއަތް ފަށައިގެން އެ ނިންމާލެވުނީ އެއް އަޑުއެހުމުން ކަމަށެވެ. އަދި އަޑުއެހުން ނިންމާލާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ނުވަ ގާޒީން ކަމަށާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިއްބަވާ ގާޒީން ފިޔަވައި، ކޮންމެ ގާޒީއަކު ވެސް އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަށް މައްސަލައަށް ޝެޑިއުލް ކުރާ ކަމަށް އެ ކޯޓުން ބުނެއެވެ.
ހަމައެހެންމެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވޭ މީހުންގެ މައްސަލަތައް ބެލުމާއި، ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަކީވެސް ގާޒީން ކުރައްވާ މަސައްކަތެކެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލިސްތަކުގައި އެކުލަވާލަންޖެހޭ ތާވަލު، ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތުގެ މަޝްވަރާގެ މަތިން ކުރިއާލާ އެކުލަވާލެވި، ދައުވާލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތަށް އެ ތާވަލު ހިއްސާކުރަމުން ދާކަމަށެވެ.
އަދި އެކަމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނެ ދުވަސްތަކާއި އަޑުއެހުންތަކުގައި ކުރިއަށް ގެންދިއުމަށް ގަސްތުކުރާ ކަންކަން ދެ ޚަސްމުންނަށް އެނގި ކަށަވަރު ވެގެންދާނެ ކަމަށެވެ.