މިހާރުގެ ސަރުކާރަކީ އިސްލާމް ދީނަށް ލޯބިކުރާ ސަރުކާރެއް ކަމަށް ވާނަމަ 10 ކަމެއް ކުރަން ގޮވާލާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސް ބުކްގައިވާ ޝަހީމްގެ ޕްރޮފައިލްގައި އޭނާ ވިދާޅުވެފައި ވަނީ "އިސްލާމް ދީނަށް ލޯބިކުރާ ސަރުކާރުން އަންނަނިވި ކަންތައްތައް ކޮށް ދެއްވާތޯ ދަންނަވަން" މިހެންނެވެ. އަދި އެއަށް ފަހު ޖުމްލަ 10 ކަމެއް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

އިސްލާމް ދީނަށް ލޯބިކުރާނަމަ ސަރުކާރުން ކޮށްދެއްވަން ޝަހީމް އެދި ވަޑައިގަންނަވާ ކަންކަމުގެ ލިސްޓްގެ އެކެއްގައި ވަނީ ނަމާދު ވަގުތުގައި ވަގުތު ގެއްލޭ ގޮތަށް ސްކޫލްތަކުގައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށެވެ.

އަދި އެމްޑީޕީގެ މެނިފެސްޓޯގައިވާ އެންމެހާ ދީނީ ކަންތައްތައް ފުރިހަމަކުރުމާއި މިހާރު ސިޓީ ކައުންސިލާ ހަވާލު ކުރައްވާފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމާއި ފިގްހު އެކަޑަމީ ހިންގާނެ އޮފީހަކާއި ބަޖެޓް ދިނުމަކީ ވެސް ޝަހީމްގެ ލިސްޓްގައިވާ ކަންތައްތަކެވެ.

އެ ލިސްޓްގައި އޭނާ އިތުރަށް ހިމަނުއްވާފައި ވަނީ މާލޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކާ ތަންތަން އިތުރަށް ނުހެދުން ވެސް ހިމެނެ އެވެ.

އަދި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ދޫގަސް ހޮޓަލުގައި ހުރި ބާ ބަންދުކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އިސްލާމީ އަގީދާ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކިޔަވައި ދިނުމާއި އިސްލާމްދީނާ ހިލާފު މުއާހަދާތަކުގައި ބައިވެރި ނުވުމާއި އިސްލާމިކް މިނިސްޓަރުގެ "ބަސް ގަބޫލުކޮށް، ބުދުތައް ނެގުން" ވެސް އެއީ ސަރުކާރުން އިސްލާމްދީނަށް ލޯބިކުރާނަމަ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޝަހީމްގެ ސްޓޭޓަސްގައި ވެއެވެ. ސަރުކާރުން އިސްލާމް ދީނަށް ލޯބިކުރާ ނަމަ އިސްލާމީ އެއްވެސް ޝިޔާރެއް ފާޅުކުރުމަށް ހުރަސް ނޭޅުމަކީ ވެސް ކުރަން އެދިވަޑައިގެންފައިވާ ކަމެކެވެ.

އައްޑޫ ސިޓީގައި ބެހެއްޓި އެއްވެސް މޮނިއުމެންޓެއް ނުނަގާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވުމަށް އެއްވެސް ރަށްދެއްދެއްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި އަލްހާނަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާ ކުރައްވާ ކަމަށް ވެސް ފޭސްބުކްގައި ޝަހީމް ލިޔުއްވާފައި ވެއެވެ.

" އަލްހާނަށް ރައްދު ދޭކަށް ބޭނުމެއް ނޫން، ﷲ ސުބުޙާނަހޫ ވަތައާލާ އަލްހާނަށް ހެޔޮ ވިސްނުން ދެއްވާށި، އާމީން،" ޝަހީމް ލިއުއްވާފައި ވެއެވެ.
ޑިސެމްބަރު 23 ގައި ދީނީ ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތައް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އެއްވުމާ ބެހޭ ގޮތުން ޝަހީމް ވިދާޅުވެފައި ވަނީ އެކަމުގެ ތެރޭގައި "މީހުންނަށް އެއްޗެތި ގޮވައި، އިސްތިއުފާއަށް ގޮވައި މިފަދަ ކަމެއް ނުހިންގުމަކީ" އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަށެވެ.

ދެން ވިދާޅުވެފައި ވަނީ ވެރިކަން ހޯއްދަވަން އުޅުއްވުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅުއްވާ ކަމަށާއި އެފަދަ ގޮތަށް ވިސްނުމެއް އޮތް ނަމަ ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ.

"ވެރިކަމާ ޖާހާ ތޮޅޭ ނަމަ އަޅުގަނޑު ހުންނާނީ އެމްޑީޕީގައި. އެމްޑީޕީ ސަރުކާރުން ދިން ވަޒީފާގައި، ރަތް ޕާސްޕޯޓާ 47000 ރުފިޔާ ނަގައިގެން އެމީހުން އެދޭ ގޮތަށް ފަތުވާ ދީދީ، އަޅުގަނޑު ވެރިކަމާ ތޮޅޭ ތަނެއް ނުފެންނާނެ." ޝަހީމް ލިއުއްވާފައި ވެއެވެ.

މިހާރު ވިލާ ކޮލެޖު އިސް މަގާމެއްގައި ހުންނަވާ ކުރީގެ ސްޓޭޓް މިނިސްޓަރު ސަރުކާރުން އިސްތިއުފާ ދެއްވި ފަހުން ޝަހީމް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.