06 Feb 2020, 12:17
ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އާއިޝަތު މުހައްމަދު ދީދީއަކީ މިވަގުތު އިންޑިއާގައި ހުންނަވާ ދިވެހި ސަފީރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށާއި، ޝިދާތާގެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް މިނިސްޓަރުކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު މުހައްމަދު ދީދީ އައްޔަނުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އާއިޝާ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް މަސައްކަތްކުރެއްވީ ތައުލީމީ ދާއިރާގައެވެ. މަޖީދިއްޔާ ސްކޫލުގެ ސައިންސް މުދައްރިސެއްގެ ވަޒީފާއިން ހިދުމަތް ފެއްޓެވި އާއިޝާ، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އިންސްޓިޓިއުޓް ފޯރ ޓީޗާ އެޑިއުކޭޝަންގައިވެސް މަސައްކަތްކުރެއްވިއެވެ. އެއަށްފަހު ޔުނިޓް ޓު ޕްރޮޓެކްޓް ރައިޓްސް އޮފް ޗިލްރެންގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރެއްވި އިރު، ޔުނިސެފްގެ ރާއްޖޭގެ އޮފީހުގައިވެސް މަސައްކަތްކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމެންދެން ޖެންޑާ މިނިސްޓަރުކަން އާއިޝާ ދީދީ ކުރެއްވިއެވެ. އެއަށްފަހު ތައުލީމީ ދާއިރާއާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.
ސެޕްޓެމްބަރު 2010 އިން ފެށިގެން ވިލާ ކޮލެޖުގެ އެކި މަގާމުތައް އާއިޝާ ފުރުއްވި އިރު، އެ ކޮލެޖުގައި އެންމެ ފަހުން އަދާކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (އެކެޑެމިކް)ގެ މަގާމެވެ.
ސައިކޮލޮޖީއިން ޑިގްރީ ފާސް އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އާއިޝާ ވަނީ ޔޫއެންއާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރައްވާފައެވެ. އަދި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ވިލާ ކޮލެޖުގެ އެކެޑެމިކް ސެނެޓު މެމްބަރުކަމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ފަދަ މަގާމުތައް އަދާކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ ސަފީރަކީ އާއިޝާ ދީދީއެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.