މިއަހަރު އައްޑޫ ސިޓީ ކައުންސިލަށް އާންމްދަނީގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި 2012 އަހަރު އާންމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން މިނިވަން މުއައްސަސާތަކާއި ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މަޝްވަރާގެ ދަށުން އިއްޔެ މެދުރުފަހު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫގެ ދަށުން ފުރަތަމަ ފަހަރަށް ސިޓީތަކުގެ މާލީ ހަރަދުތަކާ ބެހޭ ގޮތުން މަޖިލީހުގައި ކުރި މަޝްވަރާތަކުގައި ސޯބެ ވިދާޅުވީ ސިޓީ ކައުންސިލުން ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 169.3 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއަށް ބަޖެޓް ހުށަހެޅުމުން 100 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް، 69.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 259 މުވައްޒަފުންގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީ ކައުންސިލަށް ފިނޭންސުން ކަނޑަޅާފައިވާ 69.3 މިލިއަން ރުފިޔާއިން އައްޑޫ ނުހިންގޭނެ ކަމަށެވެ. ގާނޫނުން ސިޓީއަކަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ހުރަސް އެޅޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން އައްޑުއަށް ކަނޑައަޅާފައިވާ ފައިސާއަކީ އާމްދަނީން ވެސް ފޫބެއްދޭ ވަރަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދައުލަތުން ބޮޑު އަދަދަކުން ފައިސާ ދިނުމުގެ ބަދަލުގައި އައްޑުއަށް ލިބޭ އާންމްދަނީން މުޅި ސިޓީގެ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށް ހަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

ސޯބެ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް ކުންފުންޏެއް އުފެއްދުމަށް ވަނީ ނިންމާފަ އެވެ. އެ ކުންފުނި މެދުވެރިކޮށް ވިޔަފާރިކޮށް އާމްދަނީ ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އެ ގޮތުން އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ލިބޭ އާންދަނީ އަށް ވުރެ ބޮޑު އާންދަނީ އެއް ލިބޭނެ ކަމަށް ސޯބެ ލަފާ ކުރައްވަ އެވެ.

އަންނަ އަހަރު އައްޑޫ ސިޓީ ކައުންސިލް ހިންގުމަށް ކައުންސިލުން އަންދާޒާ ކުރި 169.3 މިލިއަން ރުފިޔާގެ ތެރެއިން 49 މިލިޔަނަކީ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާ ފައިސާ އެވެ. ނަމަވެސް ފިނޭންސުން އައްޑޫ ސިޓީގެ ކައުންސިލްގެ މުވައްޒަފުންގެ ފައިސާގެ ގޮތުގައި ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައި ވަނީ 48 މިލިއަން ރުފިޔާ އެވެ.

ކައުންސިލް އިދާރާ ހިންގުމަށް ބޭނުންވާ ޒަރޫރީ ކަންތައްތަކަށް ކައުންސިލުން އަންދާޒާކޮށްފައިވާ 22.4 މިލިއަން ރުފިޔާ 2012 ވަނަ އަހަރު ހަރަދުވާނެ އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓްގައި އެ އަދަދު 4.7 މިލިއަން ރުފިޔާ އުނިކޮށް، ބަޖެޓްގައި ހިމަނާފައިވަނީ 17.7 މިލިއަން ރުފިޔާ އެވެ.

ގާނޫނުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަންތަތައް ކުރުމަށްޓަކައި އަންނަ އަހަރަށް 50 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކައުންސިލުން ނިންމި ނަމެވެސް ފިނޭންސުން ވަނީ ދޭން ނިންމީ 3.4 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރި އަދަދަށް ވުރެ ކުޑަ އަދަދަކުން ސިޓީ ކައުންސިލަށް ބަޖެޓް ކަނޑައަޅާފައި ވުމުން، ބަޖެޓް ކޮމެޓީން އެކަމަށް ހައްލެއް ހޯދާނެ ކަމަށް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓް މި މަހުގެ 13 ގައި ކޮމެޓީން ދިރާސާ ކުރުމަށް ނިންމާފައި ވާއިރު، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާއާ ބެހޭ ގޮތުން 26 މުއައްސަސާއަކާ ކޮމެޓީން ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އެ ގޮތުން ކޮމެޓީއަށް ހާޒިރު ކުރި ހުރިހާ މުއައްސަސާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެ އިދާރާތަކަށް ބަޖެޓް ކުޑަކޮށްފައިވާތީ އެވެ. އެ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް 31.4 މިލިއަން ރުފިޔާ ކަނޑައަޅައި ދިނުމަށް އެދުމުން 14.4 މިލިއަން ރުފިޔާ އުނިކޮށް، އެ އޮތޯރިޓީގެ ބަޖެޓް 17 މިލިއަން ރުފިޔާއަށް ކަނޑައަޅާފައި ވާތީ ގާނޫނުން އެލްޖީއޭއަށް ލާޒިމް ކުރާ ކަންތަތައް ކުރަން ދަތިވާނެ ކަމަށް ބުނެފައިވެ އެވެ.