06 Feb 2020, 10:07
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ޕްރައިމަރީގައި، ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރި ތިން ކެންޑިޑޭޓުން ހަމަނުޖެހުން ހިންގައި، ކެންޑިޑޭޓެއްގެ ކިބައިން ފެނިގެން ނުވާނެ އަމަލުތަކެއް ހިންގާފައިވާތީ، އެ މީހުންގެ ކެންޑިޑަސީ ބާތިލުކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.
ހުކުރު ދުވަހު އޮތް ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާއަށް ޖުމްލަ ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ. އެއީ އިބްރާހިމް މަނިކު، އާއިޝަތު މޫސާ، އަހްމަދު އާސިމް، ޝާހިގު އަހްމަދު އަދި ސިޓީ ކައުންސިލުގެ މިހާރުގެ މެމްބަރު މުހައްމަދު ފިޝާވީން ސަލީމެވެ.
އެ ދުވަހު ވޯޓު ގުނުމުގެ ތެރޭގައި އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ކަމުގައިވާ އާއިޝަތު މޫސާ އަދި އަހްމަދު އާސިމްގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ވޯޓެއް ބާތިލުކުރަން ނިންމުމުން އެކަމާ މެދު ހިލާފު އުފެދުނެވެ. އެއާއެކު އެތަނުގައި ހަމަނުޖެހުންތަކެއް ހިނގައި، ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެމްބަރުން މަސައްކަތްކުރަން ފެށުމުން އެ ވޯޓުފޮށީގެ ވެރިޔާގެ އެދުމުގެ މަތިން ކަރުދާސްތައް ރައްކާތެރިކަމާއެކު ފޮއްޓަށް އަޅައި، ފޮށި ބަންދުކުރުމަށްފަހު ވޯޓުފޮށި ބަހައްޓާ މަރުކަޒަށް ގެންދިޔަކަމަށް އެމްޑީޕީން ބުންޏެވެ.
އިއްޔެ އެމްޑީޕީއިން ވަނީ އެ ދާއިރާއަށް ވާދަކުރި ފަސް ކެންޑިޑޭޓުންނާއި، ކޮންމެ ކެންޑިޑޭޓެއްގެ އެއް މަންދޫބެއްގެ ހާޒިރުގައި ވޯޓުފޮށި ހުޅުވައި، އެ ދާއިރާގެ ވޯޓު އަލުން ގުނުމަށް މަސައްކަތްކޮށްފަ އެވެ. އެ ވަގުތު އެމްޑީޕީގެ އޮފީހުގެ ބޭރުގައި ބަޔަކު ދިޔައީ މުޒާހަރާވެސް ކުރަމުންނެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވޯޓު އަލުން ގުނުމަށް މަސައްކަތްކުރި ވަގުތު އެ ދާއިރާއަށް ވާދަކުރި އިބްރާހިމް މަނިކު، އަހްމަދު އާސިމް އަދި މިހާރުގެ ކައުންސިލަރު މުހައްމަދު ފިޝާވީން ސަލީމް އިތުރު ބަޔަކާއެކު ޕާޓީ އޮފީހަށް ވަދެ، ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އަދި އެމީހުން ވޯޓުފޮށި ޖަހައިގަނެގެން ޕާޓީގެ އޮފީހުން ބޭރަށް ގެންގޮސް، ފޮށި ހުޅުވައި އޭގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކައި، އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އަރައިގަތްކަމަށް އެމްޑީޕީން ބުންޏެވެ.
"މި ކެންޑިޑޭޓުންގެ މި އަމަލަކީ ޕާޓީގެ މެމްބަރުންގެ ސުލޫކާ ހިލާފު، އަދި ޕާޓީގެ ނަމުގައި އިންތިހާބީ މަގާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓޓުންގެ ކިބައިން ފެނިގެން ނުވާނޭފަދަ އަމަލުތަކެއް،" އެމްޑީޕީން ބުންޏެވެ.
އެހެންކަމުން މައްސަލައިގައި ކަން ހިނގި ގޮތް ބެލުމަށްފަހު އިބްރާހިމް މަނިކު، އަހްމަދު އާސިމް އަދި މުހައްމަދު ފިޝާވިން ސަލީމުގެ ކެންޑިޑަސީ ބާތިލުކޮށްފައިވާކަމަށް އެމްޑީޕީން ބުންޏެވެ. އަދި މި ތިން މީހުންނާއެކު ހަމަނުޖެހުމުގައި ޝާމިލުވި މީހުންގެ ސުލޫކީ މައްސަލަ، ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާފައިވާކަމަށްވެސް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ ވޯޓް އެއްވަރުވެފައިވާ، ދެ ކެންޑިޑޭޓުންގެ ތެރެއިން އަހްމަދު އާސިމްގެ ކެންޑިޑަސީ، ހަމަނުޖެހުމާ ގުޅިގެން ބާތިލުކޮށްފައިވާތީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލު އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާނީ ހ. ކުލުނުހިޔާ އާއިޝަތު މޫސާކަމަށް ނިންމާފައިވާ ކަމަށެވެ.
ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން މާލޭގެ ވޯޓުތަކުގެ ތެރެއިން ހިލާފު އުފެދުނީ ގަލޮޅު މެދު ދާއިރާގެ ވޯޓުގަ އެވެ.
މީގެ އިތުރުން ގއ. އަތޮޅުގެ ރައްޔިތުން މާލޭގައި ވޯޓުލި މަރުކަޒު، ކަލާފާނު ސްކޫލުގައި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީ ވަނީ ބާތިލުކޮށްފަ އެވެ. ގއ. އަތޮޅުގެ ޕްރައިމަރީ އަލުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.
މި އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުވާލި އިރު، ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހެވެ.