މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ލިބެން އޮތް ފައިދާއެއް ގެއްލޭ ގޮތަށް ނުވަތަ އެ ފައިދާއަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އާ ސީޕްލޭން ޓާމިނަލް އިން ޖާގަ ދޭން ނިންމުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިމާރަތްކުރާ ސީޕްލޭން ޓާމިނަލް ހިންގާނެ ބަޔަކާ ގުޅޭ ބަހުސް ބޮޑުވެފަައިވަނިކޮށް ފިނޭންސް މިނިސްޓްރީ އިން އިއްޔެ ވަނީ ސީޕްލޭން ޓާމިނަލް ހިންގާނެ އުސޫލެއް އެކުލަވާލާފައި އާންމުކޮށްފަ އެވެ.

އެ އުސޫލު އެކުލަވާލީ، އެމްއޭސީއެލް އަށް ލިބޭ އާމްދަނީ އިތުރުކޮށް މިހާރު ވެސް ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަކަށް ވިސްނައިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނީ، އަލަށް ސިނާއަތާ ގުޅެން ބޭނުންވާ ކުންފުނިތަކަށް ވެސް ސިނާއަތުގައި ހަރަކާތްތެރިވުމަށް މަގުފަހިވާނެ ގޮތަކަށް ވިސްނާފައިވާނެ ކަމަށެވެ.

އެގޮތުން ޓީއެމްއޭ އަށް މިހާރު ވެސް އެ އެއާލައިނުން ބޭނުންކުރަމުންދާ ލައުންޖުގެ ބޮޑުމިނާ އެއްވަރަށް، މިހާރު ވެސް އެކުންފުނިން ބިން ކުއްޔަށް ހިފާފައިވާ ރޭޓުގައި އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން މެމްބަރު އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތަށް ފައިދާއެއްލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

އުޝާމް މިހެން ވިދާޅުވެފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ހ. އާ ހަވާލައިދެއްވައެ ވެ.

އެ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަކަށް، ނުވަތަ ލިބެންއޮތް ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަކަށް، ނުވަތަ އެކަމެއްގެ ފައިދާ ނުވަތަ ފައިދާއިން ބައެއް، އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭގޮތަށް ކުރުމަކީ، ކުށެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މިހާރު ސީޕްލޭންގެ ހިދުމަތްދޭ އޮޕަރޭޓަރުން އަމިއްލަ އަށް އިންވެސްޓުކޮށްގެން ހަދާފައިވާ ޓާމިނަލްތައް ހުސްކުރަން ޖެހިފައިވުމާ އެކު އެފަރާތްތަކަށް އެމްއޭސީއެލް އިން ދީފައިވާ ކޮމިޓްމެންޓްތަކަށް ރިއާޔަތްކޮށް އެފަރާތްތަކާ މެދު އިންސާފުވެރިކޮށް އަމަލު ކުުރުމަށް އުސޫލު އެކުލަވާލި އިރު ބަލާފައިވާނެ ކަމަށެވެ.

އެގޮތުން ޓީއެމްއޭ އިން މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އަކީ އެކުންފުނިން އަމިއްލައަށް އިންވެސްޓުކޮށްގެން ތަރައްގީކޮށްފައިވާ ޓާމިނަލެއް ކަމަށާއި އެކުންފުނީގެ އޮޕަރޭޝަންތައް ރިލޮކޭޓް ކުރާއިރު، އެކަމަށް އިތުރު ހަރަދު ހިނގާނެތީ އެ އެއާލައިނުން މިހާރުދޭ ހިދުމަތްތައް ދިނުމަށް އެއާ އެއްވަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ހަމަޖެއްސުމަކީ އެ އެއާލައިނަށް އެންމެ އިންސާފުވެރި ގޮތަށް ވާނެ ކަމަށެވެ.

ޓީއެމްއޭގެ އިތުރުން މަންތާ އެއާ އަށްވެސް އެ އެއާލައިނުގެ އޮޕަރޭޝަނަށް އެކަށީގެންވާ ޖާގައެއް މިހާރު ވެސް އެ އެއާލައިނުން ބިން ކުއްޔަށް ނަގާފައިވާ ރޭޓުގައި، ދެ އަހަރަށް އާ ޓާމިނަލުން ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ބަޔާނުގައި ބުނީ، ދެ އަހަރަށް ފަހު އާ ސީޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން، އިންޑަސްޓްރީގެ އިތުބާރާ އެކު އެމްއޭސީއެލް އިން ހިންގުމަށް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް އަމަލު ކުރާނެ ކަމަށެވެ. އަދި ބުނީ، ޓީއެމްއޭ އަދި މަންތާ އަށް ސީޕްލޭން ޓާމިނަލުން ޖާގަ ހަމަޖެއްސުމަށް ފަހު ބާކީވާ ޖާގަ، ޑިމާންޑަށް ބަލައި، ޓެންޑާ އުސޫލުން ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން ހުޅުވާލާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ހިދުމަތް ދޭން ބޭނުންކުރާ ޓާމިނަލް އެ ކުންފުނިން ކުރިއަށް އޮތްތަނުގައި ވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް އެކަން އެގޮތަށް ކުރެވޭނެ މަގު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއާ ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުންދާ އިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ވަނީ ބަލައިފަ އެވެ.

މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ވެސް ހެދި އެވެ. އެ އޮޑިޓް ރިޕޯޓާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ ޓާމިނަލުން އަހަރެއްގެ މައްޗަށް އެމްއޭސީއެލްއަށް 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އެމްއޭސީއެލް އިން ޓާމިނަލް ހިންގައިގެން ލިބޭނެ ކަމަށް އޮޑިޓުގައި ބުނެފައިވާ އަދަދު އެ ކުންފުނިން ވަނީ ދޮގުކޮށްފަ އެވެ. އެމްއޭސީއެލް އިން ބުނީ އޮޑިޓްގައި ލަފާކޮށްފައި ވަނީ ހަގީގަތުގައި ލިބޭނެ އަދަދަށް ވުރެ އަށް ގުނަ ބޮޑު އަދަދެއް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ އާ އެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ޑޮލަރެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތްތަކެވެ. އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައި ވަނީ މިއަހަރުގެ މެއި މަހު ޓާމިނަލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.