06 Feb 2020, 08:01
ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ކަމަށް ބެލެވޭ އެ ހަމަލާގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ މީހެކެވެ. އެ މީހުންގެ ހާލު މިހާރު ރަނގަޅު އިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ ޓޫރިސްޓުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށްދާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައ ހުޅުމާލޭ މަގުމަތިން ދިޔަ އެ ޓޫރިސްޓުންނަށް ހަމަލާދިނީ ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބައެކެވެ.
ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޓެލެގްރާމް ޗެނަލެއްގައި އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ރޭ ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ ސައްހަކަން މިހާރު ބަލަމުން އަންނަ ކަމަށާއި ގުޅުން ހުރި އެހެން އިދާރާތަކާ އެކު ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ، މޫނު ނިވާކޮށްގެން ތިބޭ ތިން މީހެކެވެ. އޭގެ ތެރެއިން އެ ވީޑިއޯގައި ވާހަކަ ދައްކަނީ މެދުގައި ހުންނަ މީހާ އެކަންޏެވެ. އޭނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ހަމަލާގެ މަގުސަދަކީ ރާއްޖެއަކީ ކާފަރުންނަށް ސުވަރުގެއެއް ކަމަށް ހީވެފައި އޮންނަ ހީވުން ބަދަލުކޮށްލުން ކަމަށެވެ. ދިވެހި އަދި އަރަބި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން އޭނާ ވަނީ، ޖިހާދު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދައްކައި އިންޒާރުދީފަ އެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިންނާއި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުން ކުރަމުންދާނެކަމުގެ ޔަގީންކަން އާންމުންނަށް ދޭ ކަމަށެވެ.